ކުޑަކަމުދާ އެއްޗެތި ދިނުމަށް އިންކާރުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ނޮވެމްބަރު 16، 2012 ގައި ހދ. ހޮނޑައިދޫގައި ޖާބިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން، ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން، ކަނޑައެޅިގެން ޖާބިރު އިންކާރުކޮށްފައިވާކަން، ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ހޮނޑައިދޫގައި ޖާބިރުއަށް އަނިޔާ ކުރި ކަމަށް އޭނާ ވިދާޅުވިނަމަވެސް ޖާބިރާ ދެކޮޅަށް ހެކިބަސް ދީފައިވާ ތިން ފުލުހުންނަކީ ޖާބިރަށް އަނިޔާކުރި ބައެއްކަން، ޝަރީއަތަކަށް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް، ޖާބިރުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ނުވާކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ކުޑަކަމުދާތަކެތި ނެގުމަށް ފުލުހުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައި ވަނީ ސައްޚަ ގޮތުގައި ނޫން ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް، ކުޑަކަމުދާތަކެތި ނެގުމުގެ ކަންތައްތައް ފުލުހުން ފުރިހަމަކޮށްފައި ވަނީ ސައްހަ އިޖުރާއަތުގެ ދަށުން ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް ތަންފީޒުކުރުމަށްޓަކައި ޖާބިރު މިހާރު ވަނީ މާލޭ ޖަލަށް ގެންގޮސްފަ އެވެ.

ޖާބިރު ޖަލަށް ލުމަށް ހުކުމް ކުރުމުން އޭނާގެ ސަޕޯޓަރުން ވަނީ، ޖަސްޓިސް ބިލްޑިންގް ކުރިމައްޗަށް އެއްވެ، އެތަނުގައި އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނޫސްވެރިންނާ ދިމާއަށް އަތް ހޫރާލުމަށްފަހު، އެތަނުން މީހަކު ބުނީ، "ހުކުމް ކުރާނެކަން އޮތީ، ނޫސްވެރިންނަށް މާކުން އަންގާފައި" ކަމަށާއި "އެއީ އޮޅުވާލައިގެން ކޮށްފައިވާ ހުކުމެއް" ކަމަށެވެ.

އެމީހާ އެހެން ބުނި ނަމަވެސް، މިއަދު 11:00ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖާބިރު އާއި އޭނާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި ގާޒީ ވަނީ، މިއަދު 2:00ގައި އެ މައްސަލައިގެ ހުކުމް އިއްވާނޭކަމަށް ވިދާޅުވެފަ އެވެ.

ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިނަމަވެސް، އޭނާގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އަދި އަންނަ މަހު 22 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި ވާދަ ވެސް ކުރެވޭނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަމްބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރި ކަމަށް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވާނަމަ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި މަޖިލީހުގެ މެމްބަރަކަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.