18 Dec 2010, 11:31
ޔަހޫދީ ޑޮކްޓަރުން ފަރުވާދިން އަންހެނެއްގެ ލޯ އިތުރަށް ފުސްވެ ދިލަ ނަގަންފެށުމާ ގުޅިގެން އޭނާ އިތުރު ފަރުވާ ހޯދުމަށް ސްރީލަންކާ އަށް ދިއުމަށް ނިންމައިފި ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެމުން އުމުރުން 54 އަހަރުގެ އެ އަންހެން މީހާގެ ކޮއްކޮ، ނަން ހާމަ ކުރުމަށް އުޒުރުވެރިވެ ބުނީ އޭނާގެ ދައްތަގެ ލޮލަށް "އައި ފްރޮމް ޒަޔަން" ކިޔާ އިޒްރޭލް ޑޮކްޓަރުން ދިން ބޭހެއް އެޅުމާ ގުޅިގެން ދައްތަގެ ލޯ އިތުރަށް ފުސްވެ ދިލަނަގާ ގޮތް ވެފައިވާ ކަމަށާއި އެހެން ކަމާ އެކު ދައްތަ މިއަދު ސްރީލަންކާ އަށް ފުރާނެ ކަމަށެވެ.
އޭނާ ބުނީ އޭނާގެ ދައްތަ އިޒްރޭލު ޑޮކްޓަރުންނަށް ލޯ ދައްކާފައި ވަނީ މީގެ ތިން ދުވަސް ކުރިން އައިޖީއެމްއެޗުގައި ކަމަށެވެ.
އޭނާ ބުނީ އެ މައްސަލަ މިހާރު ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއަކުން އަންގާފައިވާނޭ ކަމަށާއި މެޑިކަލް ކައުންސިލަށް ވެސް ހުށަހަޅާފައިވާނޭ ކަމަށް އޭނާ ބުންޏެވެ.
މެޑިކަލް ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވި އިރު އެކަހަލަ މައްސަލައެއް އެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މާދަމާ ސަރުކާރު ހުޅުވުމުން އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ނަމަ އެކަމާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ "އައި ފްރޮމް ޒަޔަން"ގެ ޑޮކްޓަރުންގެ ޓީމު މިހާރު ތިބީ އައްޑު އަތޮޅުގަ އެވެ.
އައްޑު އަތޮޅު ހިތަދޫ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ހުސެން ރަޝީދު މިއަދު ވިދާޅުވީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި 265 މީހުން އިޒްރޭލު ޑޮކްރުން ގާތުން ފަރުވާ ހޯދާފައިވާ ކަމަށާއި 12 މީހަކު އޮޕަރޭޝަންކޮށްފައިވާ ކަމަށެވެ. އަދި 300 އަށް ވުރެ ގިނަ އަދެއްގެ މީހުން އަދިވެސް ނަން ނޯޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫއިން އެ މީހުން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހު 21 ވަނަ ދުވަހު އެވެ.
އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައި ވަނީ "ޒިއޯން"މި ބަހުންނެވެ.