ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް އަތުން އޭސީ މިލާން ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމުގައި އެކްލަބުގެ ކޯޗް ކްލެރަންސް ސީޑޯފް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި މިލާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި މިލާން ކޮޅަށް މެޗުގެ 83 ވަނަ މިނެޓްގައި އެތްލެޓިކޯގެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ.

"ޓިމުން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ. ހާއްސަކޮށް ފުރަތަމަ ހާފްގައި ދެއްކި ކުޅުން. އަހަރެމެންނަށް ލިބުނު ހަމައެކަނި ދެރައަކީ ލަނޑެއް ކާމިޔާބު ނުކުރެވުނުކަން." މިލާންގެ ކޯޗު ސީޑޯފް ބުންޏެވެ. "ދެވަނަ ހާފްގެ ވިހި މިނެޓް ފަހުން އަހަރެމެން ކުޑަކޮށް ފަރުވާ ކުޑަ ކޮށްލެވުނީ. އެތްލެޓިކޯ ފަދަ މޮޅު ޓީމެއް އަތުން ބަލިވާން ޖެހުނީ ފަރުވާ ކުޑަކޮށްލެވުމުން."

މި ނަތީޖާގެ ސަބަބުން ސީޑޯފްގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ މިލާނަށް އަންނަ މަހު އެގާރަ ވަނަ ދުވަހު އެތްލެޓިކޯގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗުން މޮޅުވާން މަޖުބޫރުވާނެ އެވެ. ނަމަވެސް މިސީޒަންގައި ރަށުން ބޭރުގައި މިލާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެ އެވެ.

"ދެވަނަ ލެގާއި ކުރިމަތިލާން އަދި ވަގުތު އެބައޮތް. ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ޓީމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވިދާނެ." ސީޑޯފް ބުންޏެވެ. "ފުރަތަމަ ލެގަށް ފަހު، އަހަރެމެންނަށް އުންމީދެއް އެބައޮތް. ފުޓްބޯޅައަކީ ބާސްކެޓް ބޯޅައެއް ނޫން، އެހެންކަމުން 1-0 ލަނޑުން ބަލިވުމަކީ މައްސަލައެއް ނޫން."

މިސީޒަންގައި މިލާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެ އެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން މިލާން ނުފެނުމަކީ ވެސް ގާތް ކަމެކެވެ.