20 Feb 2014, 14:44
އަންނަ މޭމަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އެކުލަވާލި ހާއްސަ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
މިއަދު ހެނދުނު މިނިސްޓްރީގައި (ވެލާނާގެ ތިންވަނަ ފަންގިފިލާ) ބޭއްވުނު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ދާއިރާތަކާއި މަސައްކަތް ޙަވާލުކުރެވުނެވެ.
މުބާރާތުގެއިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ވޮލެންޓިއަރުންހޯދުމާއި، އެމީހުން ތަމްރީނުކުރުމާއި، މުބާރާތުގެ ސަލާމަތީކަންކަމާއި ސިއްހީ ރައްކާތެރިކަމާބެހޭ ޕްލޭނެއްރޭވުމާއި، ވިޒާގެ ކަންކަން ރޭވުންތެރިކަމާއެކު ހަމަޖެއްސުމާއި، ކުއްލި ހާލަތުގައި ދަތުރުތައް ބާއްވާނެގޮތެއް ރޭވުމާއި، އަދި އެތެރޭގެ ދަތުރުފަތުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.
މީގެ އިތުރުން، މުބާރާތުގެ އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ތަފާތު ފަސް ސަބްކޮމިޓީއެއް ވެސް މިއަދު ބޭއްވި ބައްދަލުވުމުގައި އެކުލަވާލެވުނެވެ.
ތަފާތު ދާއިރާތައް ހިމެނޭގޮތަށް 14 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އިސްވެރިންގެ އިތުރުން، އެފްއޭއެމް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން، އައިލެންޑް އޭވިއޭޝަން، ކަސްޓަމްސް، އައިޖީއެމްއެޗް، ޓޫރިޒަމް ޕްރޮމޯޝަން ބޯޑު، އަދި އެމްޓީސީސީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
މިއަދު ބޭއްވުނު ބައްދަލުވުމުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލް ވެސް ބައިވެރިވަޑައިގެންނެވި އެވެ.