20 Feb 2014, 14:31
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެބެއިންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހުޅުމާލެ ފެލެޓް 105 ކަރިއިރީގައި ކާރަކާއި ސައިލެއް ޖެހި ހިނގި އެ އެކްސިޑެންޓް، ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 22:41ގައި ކަމަށެވެ. އަދި އެ ހާދިސާގައި ސައިކަލުގައި އިން ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވުމުން ހުޅުމާލެ ހޮސްޕިޓަލުން އެ ދެމީހުންނަށް ވެސް ފަރުވާ ދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ ރޭ އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާއަކީ ޓްރެފިކްގެ 10 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ މީހެއް ކަމަށާއި އަދި އޭނާ އަތުގައި ލައިސެންސެއް ވެސް ނޯންނަ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިނގި އެކްސިޑެންޓްގައި ސައިކަލްގައި ތިބި ދެ މީހުންނަކީ ގދ. މަޑަވެލި، ކިނާރާގެ ދެބައިންނެވެ. އަދި އެ އެކްސިޑެންޓުގައި ދެ އުޅަނދު ޖެހި ކާރާއި ސައިކަލު ވެސް 40 ފޫޓަށް ވިއްސައިގެން ދިޔަ ކަމަށް މަންޒަރު ދުށް މީހަކު ސަން އަށް މައުލޫމާތު ދީފައިވެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލުގައި އިން ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ފިރިހެން މީހާ ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އަންހެން މީހާގެ ބައެއް ތަންތަން ފަޅައިގެން ދިއުމުގެ ސަބަބުން ފެހުމަށް ފަހު އެޑްމިޓް ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ހުޅުމާލޭގައި ރޭ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއްވެފައިވާ އިރު މިދިޔަ އަންގާރަ ދުވަހު ވެސް ވޭނަކާއި ސައިކަލެއް ޖެހި ދެ ޒުވާނަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.