ސާކުގެ ހިންގުމަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރާއްޖެ އިން ގަބޫލުކުރާ ކަމަށާއި އިސްލާހުގެ މަސައްކަތްތައް ސާކްގެ އެޖެންޑާގައި އޮންނަތާ އަހަރުތަކެއް ވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސާކް ކައުންސިލް އޮފް މިނިސްޓަރސްގެ 35 ވަނަ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވުމަށް މިއަދު ބަނޑޮސް އައިލެންޑް ރިޒޯޓުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 1997 ވަނަ އަހަރު މާލޭގައި ބޭއްވި ސާކް ސަމިޓުގައި، ސާކްގެ ހިންގުމަށް އިސްލާހުތަކެއް ގެނައުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ކަމަށެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ޓަކައި ސަރަޙައްދީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އެތައް ދާއިރާއަކަށް ފުޅާކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ސާކް ސެކްރެޓޭރިއަޓުން ހުށަހެޅި ހުށަހެޅުންތައް ދިވެހިރާއްޖެ އިން ވަރަށް ޝައުގުވެރިކަމާއެކީގައި ދިރާސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސަރަޙައްދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މެދުވެރިއަކީ ސާކުކަމަށް ހެދުމަށް ދިވެހިރާއްޖެ އިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. އަދި، އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށް ފާހަގަކުރެވުނު ދާއިރާތަކަށްދޭ ސަމާލުކަން އިތުރުކުރުމަށް ވެސް ރާއްޖެ އިން މަސައްކަތްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެކުނު އޭޝިޔާގެ ރައްޔިތުންގެ ތަރައްގީއަށާއި ކުރިއެރުމަށް ޓަކައި ސާކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި ސާކުގެ މެމްބަރު ގައުމުތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ސާކްގެ މެންބަރު ގައުމުތަކަށް ގޮވާލެއްވި އެވެ. އަދި، މިވަގުތަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް ޓަކައި މަސައްކަތްކުރަން ޖެހިފައިވާ ވަގުތު ކަމަށާއި މިއީ ސާކުގެ ޗާޓަރުގައި ކަނޑައެޅިފައިވާ މައިގަނޑު އަމާޒުތަކަށް ޢަމަލީ ސިފަ ގެންނަންވީ ވަގުތުކަމަށް ވިދާޅުވި އެވެ. ހަމައެއާ އެކު، ދެކުނު އޭޝިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ގައުމީ އަދި އިޖުމާލީ ސިފައެއްގައި ސާކުގެ ފުދުންތެރިކަން އިތުރުކުރުމަށް ޓަކައި މަސައްކަތް ކުރަންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.