20 Feb 2014, 13:43
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވާހަރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް ދައުލަތުން ހުށަހަޅަން ޖޭހެ ހެކީން ޝަރީއަތަށް ހާޒިރުނުކުރެވިގެން މިއަދު ޝާރީއަތް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި އޮފޮޝަލަކު މިއަދު ވިދާޅުވީ އެ މައްސަލާގައިގެ އަޑުއެހުމަށް މިއަދު ހެނދުނު 10:00 އަށް ތާވަލްކުރި ނަމަވެސް ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ ޝަރީއަތް ކެންސަލް ކުރީ ދައުލަތުގެ ފަރާތުން ހުށަހަޅަން ޖެހޭ ހެކިން ހާޒިރުނުކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަނީ ޝާން އިތުރު ބަޔަކާ އެކު އަފްރާޝީމް އަވަހާރަކޮށްލަން ރޭވިކަމާއި އެމަނިކުފާނު އަވަހާރަކޮށްލަން އިތުރު ބަޔަކާ އެކު ހ. ފުންވިލުގެއަށް ދިޔަ ކަމާއި ޝާން އާއި ހުމާމް ދިން ހަމަލާގެ ސަބަބުން ޑރ. އަފްރާޝީމް އަވަހާރަވެފައިވާކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. އަދި ޝާންގެ ފަރާތުން ވެސް ވަނީ އެދުވަހު ދިފާއީ ހެކިން ހުށަހަޅައިފަ އެވެ.
ދައުލަތުގެ ފަރާތުން ޝާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރެއިން އިތުރު ބަޔަކާ އެކު ޝާން އަފްރާޝީމް އަވަހާރަކޮށްލަން ރޭވިކަން ސާބިތުކުރަން ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާނާއި ސިއްރު ހެއްކެކެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް އިތުރު ބަޔަކާ އެކު ޝާން ހ. ފުންވިލުގެ އަށް ދިޔަކަށް ސާބިތުކުރުމަށް ވެސް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާން ހުށަހެޅި އެވެ. އޭގެ އިތުރުން ސިއްރު ދެ ހެއްކަކު ވެސް އެކަން ސާބިތުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
ޝާން ޑރ. އަފްރާޝީމަށް ތޫނުއެއްޗަކުން ހަމަލާދިންކަން ސާބިތުކުރުމަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާނާއި ސިއްރު ދެ ހެއްކަކާއި ފޯން ކޯލް ރެކޯޑިންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްފައިވާ ޑރ. އަފްރާޝީމްގެ މެޑިއކޯލީގޯ ރިޕޯޓެވެ.
ޝާންއާ ހުމާމް ތޫނު އެއްޗަކުން އަފްރާޝީމަށް ދިން ހަމަލާގެ ސަބަބުން އެމަނިކުފާނު އަވަހާރަވިކަން ސާބިތުކުރުމަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާނާއި މަރުސާބިތު ކުރި ކަމުގެ ލިޔުމެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެގެން އެ މައްސަލާގައި ހިމެނޭ ހައްހ. ލޮބީ ހުސައިން ހުމާމް އަހުމަދު މެރުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.