ހއ. ހދ. އަދި ށ. އަތޮޅަށް އާއްމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ޓަކައި ސަރުކާރުން އެއާޕޯޓްސް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނާ ހަވާލުކޮށްފި އެވެ.

މިއަދު ޓްރާސްޕޯޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް އެވެ. ފެރީ އޮޕަރޭޓާސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ނައިބް ރައީސް ހުސެއިން ލުގްމާނެވެ.

ސޮއިކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަނީސް ވިދާޅުވީ މިހާރު ފެރީގެ ހިދުމަތްދޭ ފެންވަރަށް ވުރެ ރަނގަޅު ފެންވަރެއްގައި ސަރުކާރުން އެ ހިދުމަތް ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން މިއަދު ފެށުމަށް ހަމަޖެހުނު ހިދުމަތަކީ ވަގުތީ ހިދުމަތެއް ކަމަށާއި އެ ހިދުމަތް ލިބިގެންދާނީ އެއް އަހަރު ދުވަހަށް ކަމަށެވެ.

އެ ހިދުމަތް އެ ތިން އަތޮޅަށް ދިނުމަށް ސަރުކާރުން މަހަކު ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ކޮންމެ އަތޮޅަކަށް ވެސް ހަރަދުކުރާނެ ކަމަށާއި އޭގެ އިތުރުން އެ ހިދުމަތުން ލިބޭ ހުރިހާ ފައިސާއެއް ވެސް ލިބިގެންދާނީ އެ ހިދުމަތްދޭ އެސޯސިއޭޝަނަށް ކަމަށް ވެސް އަނީސް ވިދާޅުވި އެވެ.

"އަޅުނގަޑުމެން މި ހިދުމަތް ހަވާލުކުރުމުގައި އެންމެ ރަނގަޅަށް އެންމެ އަގުހެޔޮކޮށް ހުށަހެޅި ފަރާތްތަކަށް ބަލާފައިވާނެ. އެގޮތުން މިނިސްޓްރީގެ ފަރާތުން މި ހިދުމަތަށް ގާތްގަނޑަކަށް އަތޮޅަކަށް ތިން ލައްކަ ރުފިޔާ ހަރަދުކުރާނެ މަހެއްގެ މައްޗަށް." އަނީސް ވިދާޅުވި އެވެ.

އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އުމަރު މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އާއްމުންނަށް އެ ހިދުމަތް ދޭން ފަށާ އިރު އެ ހިދުމަތުގައި ބޭނުން ކުރާނީ މިހާރު ވެސް މާލެ އާއި ހުޅުލެ އާ ދޭތެރޭގައި ބޭނުންކުރާ ފެންވަރުގެ ފެރީތައް ކަމަށެވެ.

އެގޮތުން ހަފްތާ އަކު ތިން ދުވަހު ދިނުމަށް ހަމަޖެހިފައިވާ އެ ހިދުމަތަށް އަތޮޅު ތެރޭގައި ކުރާ ދަތުރަކަށް 20 ރުފިޔާ ނަގާ އިރު އަތޮޅުން ބޭރަށް ކުރާ ދަތުރަކަށް ނަގާނީ 35 ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަތުރުތަކުގައި ބޭނުންކުރަން އަދި ނިންމާފައި ވަނީ އަށް ފެރީ. އަދި އެ ހިދުމަތަށް ދެ އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރުން މަތީގެ ބޭފުޅުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއްވެސް އަގެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.