20 Feb 2014, 13:17
ފެތުންތެރިންގެ ހައްގުގައި މިއަހަރު ތެރޭގައި މާލެއާއި ރާއްޖޭގެ އިތުރު ސަރަހައްދެއްގައި ރަނގަޅުފެންވަރުގެ ސްވިމިންޓް ޓްރެކެއް ގާއިމް ކޮށްދެއްވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކް ކޮމެޓީން ހިންގާ އެލީޓް އެންޑް ޔަންގް އެތުލީޓް ޓްރެއިނިން ސްކޮލަޝިޕް ލިބުނު އެތުލީޓުންނަށް ލިޔުން ހަވާލުކުރުމަށް ނޭޝަނަލް އާޓްގެލަރީގައި ރޭ ބޭއްވި ހަފްލާގައި މަލީހު ވިދާޅުވީ، ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތައް މިހާރު ހިންގަމުން ގެންދަނީ ވަރަށް ދަތި އުނދަގޫ ހާލެއްގައި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދުގެ ސަރުކާރަކީ ޒުވާނުންނާއި ކުޅިވަރާގުޅޭ އެފަދަ ހުރިހާ ކަމަކަށް ބޭނުންވާ ހައްލު ހޯދައިދިނުމަށް އައިސްފައިވާ ސަރުކާރެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ހުރިހާ ކަމެއް ވެސް ހައްލުކުރެވޭނީ، ސަރުކާރާއި ކުޅިވަރުކުޅޭ އެސޯސިއޭޝަންތަކާއި ގުޅިގެން އެކުގައި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"ސްވިމިންއަށް ބަލައިފިއްޔާ ރާއްޖޭގެ 99 ޕަސެންޓަކީ މޫދު. އެހެންނަމަވެސް އަޅުގަނޑުމެންގެ ކުދިން ރަނގަޅަށް ފަތާލާނެ ތަނެއްވެސް ނެތޭ ދެންނެވިދާނެ. ހާއްސަކޮށް މާލޭގައި. އެހެންކަމުން މިދެންނެވިފަދަ ކަންތައްތަކަށް ރަނގަޅު ހައްލުތަކެއް އެބަ ގެންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސްވިމިން އެސޯސިއޭޝަނަށް ދީފައިވާ ސަރަހައްދަކީ، ވަރަށް ގިނަ ބަޔަކު ރޭގަނޑު ގަޑީގައި ވެސް ފެތުމުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާ ސަރަހައްދެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރުވެސް ފާހާނާގެ ދަތިކަމާއި އެނޫންވެސް ތަފާތު ދަތިތަކެއް ފެތުންތެރިންނަށް އެބަހުރި ކަމަށް މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ޝޫޓިން އެސޯސިއޭޝަންގައި ޕްރެކްޓިސް ކުރެވޭނެފަދަ ތަނެއް މިވަގުތު ނެތުމުން އެކަމަށްވެސް މިއަހަރު ތެރޭގައި ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުޅުމާލެ، ޔޫތު ސިޓީއެއްގެ ގޮތުގައި ޑިވެލޮޕްކުރާއިރު އެތަނުގައި ހަދާ ކުޅިވަރު އެރީނާގައި އެންމެ ފުރަތަމަ ގާއިމް ކުރާ ތަނަކަށް އިރާދަކުރެއްވިއްޔާ ޝޫޓިން ރޭންޖެއް ހަދައިދޭނަން. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޝޫޓަރުންނަށް އެ ޕްރެކްޓިސް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ،" މަލީހު ވިދާޅުވި އެވެ.
ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެތުލީޓުން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދާ ރަން ވަނަތައް މިހާރަށްވުރެ އިތުރުކުރުވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނޭ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.