20 Feb 2014, 12:39
ފުވައްމުލަކާއި ހދ. ކުޅުދުއްފުށީގައި ފުޓްސަލް ދަނޑު ހެދުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޔޫތުމިނިސްޓްރީގެ "ސްޕޯޓްސް އެރީނާ މަޝްރޫއު"ގެ ދަށުން، ގާއިމްކުރާ ފުޓްސަލް ދެ ދަނޑު ހެދުމަށް ހަމަޖެހިފައިވަނީ، އެސްޓީއޯއާއި ޑިފެންސް މިނިސްޓްރީގެ އެހީތެރިކަމާއެކު އެވެ.
ވެލާނާގޭގައި މިއަދު ބޭއްވި ސޮއިކުރުމުގެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު މުހަމަދު މަލީހު ޖަމާލެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުހައްމަދު ނާޒިމް ސޮއިކުރެއްވިއިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑައިރެކްޓަރު އާދަމް އާޒިމް އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ކުޅިވަރާބެހޭ މިނިސްޓަރު ވިދާޅުވީ، ދަނޑުތައް ހެދުމަށް ބޭނުންވާ، ސާމާނު އެސްޓީއޯގެ ހަރަދުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު އެކަމުގެ އަމަލީ މަސައްކަތް ކުރާނީ ޑިފެންސް މިނިސްޓްރީން ކަމަށެވެ.
"އެސްޓީއޯއިން މިކަމަށް އެހީތެރިވެދިނުމުން، 10 އަހަރު ދުވަސް ވަންދެން އެ ކުންފުނީގެ އިޝްތިހާރުތައް އެ ދަނޑުތަކުގައި ބަހައްޓައިދޭގޮތަށް ހަމަޖެހިފައިވަނީ،" މަލީހު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ، ފުވައްމުލަކާއި ކުޅުދުއްފުށީގައި ހަދާ ދެ ފުޓްސަލް ދަނޑުގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.
ޔުނިޓީ ތްރޫ ފުޓްސަލް ޕްރޮޖެކްޓްގެ ދަށުން، ޑރ. ވަހީދުގެ ސަރުކާރުން އެސްޓީއޯއާއި ޑިފެންސް މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ބަހާލައިގެން ހަތް ފުޓްސަލް ދަނޑެއް އަޅަން ނިންމައި ޕްރޮޖެކްޓްގެ ތިން ދަނޑު މާލެ ސަރަހައްދުގައި މިހާރު ނިމިފައިވާއިރު، މަލީހު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ބާކީ ހުރި ހަތަރު ދަނޑު ހިމެނިގެންދާނީ، މިހާރު ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ތެރޭގައި ކަމަށެވެ.
ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 34 އެރީނާ މިއަހަރު ނިމުމުގެ ކުރިން ގާއިމް ކޮށްދެއްވާނޭ ކަމަށް އެ މިނިސްޓްރީން ވަނީ ވައުދު ވެފަ އެވެ.