18 Dec 2010, 10:45
ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު އައްޔަން ކުރައްވާފައިވާ ކައުންސިލަރުން ތިބުމަކީ އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް މިހާރު ރާއްޖެ އައިސްގެން އުޅޭ ކޮމަންވެލްތު ލޯކަލް ފޯރަމް [ސީއެލްޖީއެފް] ސެކްރެޓަރީ ޖެނެރަލް ކާލް ރައިޓްގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނާ އާ ވާހަކަފުޅު ދައްކަވަމުން ފުއާދު އިއްޔެ ވިދާޅުވީ ކާލް ރައިޓްއާ އެކު ކޮމިޝަނުގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި ސަރުކާރުން މިހާރު އަމަލުކުރަމުން ގެންދަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފަށް ކަމަށާއި ކައުންސިލަރުން މަގާމުތަކުގައި ތިއްބެވުމަކީ އެ ކޮމިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި ކާލް އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެ ވާހަކަ ދެއްކިން. މިކޮޅުގައި ތިއްބެވި ހުރިހާ ކޮމިޝަނުގެ މެންބަރު ވެސް އެކަންބޮޑުވުން ފާޅުކުރެއްވި. އަޅުގަނޑުމެން ދެންނެވިން ގާނޫނުގައި އޮންނަނީ މިހެންނޭ. އަދި އިދިކޮޅު ޕާޓީތަކުން ވެސް މި ކޮމިޝަނުގައި އެ ޝަކުވާ ކުރާ ވާހަކަ އޮންނާނީ ދަންނަވާފައި،" ފުއާދު ވިދާޅުވި އެވެ.
އެހެންނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ކާލް ވިދާޅުވެފައި ވަނީ އިންތިހާބުގެ ދުވަސްވަރު ސަރުކާރުން އައްޔަންކޮށްފައިވާ ކައުންސިލަރުން އެ މަގާމުތަކުގައި ތިއްބެވުމަކީ މައްސަލައެއް ކަމަށް އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުން އެބޭފުޅުންނަށް ދޭހަވެ ވަޑައިގެންފައި ނުވާ ކަމަށެވެ.
ކާލް އެހެން ވިދާޅުވި ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން ވެސް ކުރިން ބުނެފައި ވަނީ ކައުންސިލަރުން އެ މަގާމުތަކުގައި ތިއްބެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ މައްސަލައެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނަނީ އިންތިހާބު ބާއްވަން އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިހާބު ނިމެންދެން އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލްގެ އިޚްތިޞާޞްގެ ދާއިރާގައި އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މުވައްޒިފެއް ކަމަށެވެ.
އެގޮތުން ސީއެސްސީން ނިންމަވާފައި ވަނީ އިންތިހާބުތައް ނިމެންދެން އެ ދާއިރާއެއްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާނީ އެ ދާއިރާއެއްގެ ޒިންމާދާރު ވެރިއާ ކަމަށެވެ.
ފުއާދު އިއްޔެ ވިދާޅުވީ މިދަނޑިވަޅުގައި ސަރުކާރުން ގާނޫނަށް އަމަލުކުރަމުން ނުދާތީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ސަރުކާރުން ވެސް ގާނޫނަށް ބޯލަބަން ޖެހޭނެ ކަމަށެވެ.
"ގާނޫނައް ހުރުމަތްތެރިކޮށް ހިތުމަކީ އެންމެ ފުރަތަމަ ކަމަކަށް ވާން ޖެހޭނީ. އަޅުގަނޑުމެން އެބޭފުޅުންނާ (ކައުންސިލަރުންނާ) ޑީލް ކުރެއްވިއަސް ނުވަތަ ނުކުރެއްވިއަސް އެއީ އަދި އެހެންކަމެއް. އިލެކްޝަންސް ކޮމިޝަން ވިއަސް ހޯމް މިނިސްޓްރީ ވިއަސް ޖެހޭނެ ގާނޫނަށް ބޯލަބަން." ފުއާދު ވިދާޅުވި އެވެ.