20 Feb 2014, 12:26
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ދިހަ ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައެއް ފުރިހަމަކުރި އާސެނަލް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުރިއަށް ދިޔަ މެޗުން ބަޔާން މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ ބަޔާން އިން ވަނީ އާސެނަލްގެ ގޯލަށް ކެނޑިނޭޅި ނުރައްކާ ކޮށްފައިވެ އެވެ.
މެޗުގެ އަށް ވަނަ މިނެޓްގައި އާސެނަލް އަށް ލީޑް ހޯދުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ފޮނުވާލި ޕެނަލްޓީ ބަޔާންގެ ޖަރުމަން ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފަ އެވެ.
މިމެޗުގައި އާސެނަލްގެ އިތުރުން ބަޔާން އަށް ވެސް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. މެޗުގެ 37 ވަނަ މިނެޓްގައި ބަޔާންގެ އާޔެން ރޮބެން އަށް އާސެނަލްގެ ގޯލްކީޕަރު ވޮޖްސިއެޗް ސްޒެސްނީ ކުރި ފައުލާއި ގުޅިގެން އިޓަލީ ރެފްރީ ނިކޮލާ ރިޒޮލީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. އެހެންކަމުން މެޗުގެ ބާކީ ބައި އާސެނަލް އިން ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާ އެކު އެވެ. ބަޔާން އަށް ލިބުނު ޕެނަލްޓީ ޑޭވިޑް އަލަބާ އަތުން ވަނީ ނާކާމިޔާބު ވެފަ އެވެ.
މެޗުގެ 54 ވަނަ މިނެޓްގައި އާސެނަލްގެ ގޯލް ހުޅުވާލެވުނީ ޓޯނީ ކްރޫސްގެ ބާރު ހަމަލާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރި ނަމަވެސް ބަޔާން އިން އެކަމަށް ހުރަސްއެޅި އެވެ. މެޗުގައި ބަޔާން އިން ޖެހި ދެވަނަ ލަނޑު މެޗު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ.
ބަޔާން އާއި އާސެނަލް ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެގާރަ ވަނަ ދުވަހު އެވެ. މިމެޗު ކުރިއަށްދާނީ ބަޔާންގެ އާލިއަންޒް އެރީނާގަ އެވެ.