މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ހިންގާ "ކެންޑިޑޭޓުންގެ ބަހުސް 2014" މިއަދު ފަށައިފި އެވެ.

އެމްބީސީގެ ބަހުސްގައި މިފަހަރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު ދީފައިވާނެ ކަމަށް އެ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ބައިވެރިވަޑައިގަންނަވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ދައުވަތު އަރުވާފައި ވާނީ. އެއިން ކެންޑިޑޭޓަކު ވަޑައިނުގެންނެވި ނަމަވެސް ބަހުސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އިން ވަގުތުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ. އެ ޕްރޮގްރާމް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އާއި މެންދުރު ފަހު 2:30 އާއި ހަވީރު 4:00 އާއި ރޭގަނޑު 9:30 ގައި އޮންނާނެ އެވެ.

ބަހުސް ކުރާނެ ތަރުތީބު ގުރުއަތު ނަގައިގެން ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ އޮތީ ހޯރަފުށީ ދާއިރާގެ ބަހުސެވެ.

ހޯރަފުށީ ދާއިރާގެ ބަހުސަށް ވަޑައިގެންނެވީ އެ ދާއިރާއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަ ކުރައްވާ އަހުމަދު ސަލީމް (ސައްލެ) އެވެ. އެ ދާއިރާ އަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވާދަ ކުރައްވާ މުހައްމަދު އިސްމާއިލް ބަހުސްގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

ކެންޑިޑޭޓުންގެ ބަހުސް މޮޑަރޭޓް ކުރައްވަނީ ރިޔާސީ އިންތިހާބުގެ ބަހުސް ވެސް މޮޑަރޭޓް ކުރެއްވި ހީނާ ވަލީދެވެ.