ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކް ކަމަށްވާ ފޭސްބުކުން 16 ބިލިޔަން ޑޮލަރަށް، މަޝްހޫރު މޯބައިލް މެސެންޖާ "ވަޓްސްއެޕް" ގަނެފި އެވެ.

މަހެއްގެ ތެރޭގައި ގާތްގަނޑަކަށް 450 މިލިޔަން އެކްޓިވް ޔޫޒާސް ބޭނުންކުރާ ވަޓްސްއެޕް ގަތުމަށް ފޭސްބުކާއި ވަޓްސްއެޕް ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ވަނީ، ހަތަރު ބިލިޔަން ޑޮލަރާއި ނަގުދު ފައިސާއާއި، 12 ބިލިޔަން ޑޮލަރުގެ ފޭސްބުކް ހިއްސާގެ އިތުރުން ތިން ބިލިޔަން ޑޮލަރުގެ އަގުކަމަށް ކަނޑައަޅައި، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަޓްސްއެޕް ޓީމަށް އެ އެޕް ބޭނުންކުރުމުގެ ހުއްދަ ދިނުމެވެ.

މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް 400 މިލިޔަން ޔޫޒާސް ވަޓްސްއެޕް ބޭނުންކުރަމުންދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް މިލިޔަނެއްހާ މީހުން އަލަށް ވަޓްސްއެޕް ރަޖިސްޓްރީ ކުރަމުންދާކަމަށްވެ އެވެ.

ވަޓްސްއެޕްގެ ސީއީއޯ ޖޭން ކޫމް ވިދާޅުވީ، ފޭސްބުކްގެ ޑިރެކްޓަރުންގެ ބޯޑަށް އޭނާ ހަމަޖެހިގެންދާނެ ކަމަށާއި އެހެން ނަމަވެސް ވަޓްސްއެޕަށް އޭގެ ސަބަބުން އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިނިވަން ބްރޭންޑެއްގެ ގޮތުގައި ވަޓްސްއެޕް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

ފޭސްބުކުން ވަނީ 2011 ވަނަ އަހަރު މޯބައިލް މެސެންޖާ ހިދުމަތެއް ކަމަށްވާ ބެލޫގާ ގަނެފަ އެވެ. އަދި ފޭސްބުކްގެ މެސެންޖާއެއްގެ ގޮތުގައި ބެލޫގާ ހަމަޖެއްސުމަށްފަހު އެ އެޕްލިކޭޝަންވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.

މަހެއްގެ މައްޗަށް ގަވާއިދުން ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް 1.2 ބިލިޔަނަށް އަރައެ އެވެ.

މިދުވަސްވަރަކީ މޯބައިލް މެސެންޖާ އެޕްލިކޭޝަންތަކަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ހޫނު ތަރުހީބެއް ލިބެމުންދާ ދުވަސްވަރެކެވެ. އަދި ޓެކްނޮލޮޖީގެ ބިޔަ ކުންފުނިތަކުން މިފަދަ މަޝްހޫރު އެޕްތައް މިލްކުކުރަމުންދާއިރު، މިދިޔަ ހަފްތާގައި ޖަޕާނުގެ ރަކުތެން ކުންފުނިންވަނީ، މަޝްހޫރު ވައިބާ އެޕްލިކޭޝަން 900 މިލިޔަން ޑޮލަރަށް ގަނެފަ އެވެ.