20 Feb 2014, 10:35
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އަޅައިދިނުމަށް ހަމަޖެހިފައިވާ 1500 ފްލެޓްގެ ބޮޑު ބައެއް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން މާފަންނު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެންޕޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި އަޅާ 1500 ފްލެޓްގެ ތެރެއިން ބޮޑު ބައެއް ހުޅުމާލޭގައި އެޅުމަށް ކުރިން ވެސް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.
"ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް އަޅައިދޭ އެ 1500 ފްލެޓްތަކުގެ ބޮޑު ބައެއް ހުޅުމާލޭގައި އެޅުމަށް އަޅުގަނޑުމެން ވަކާލާތުކުރިން. އެ މައްސަލަ މިސަރުކާރުން ވެސް އެއްފަހަރު ފޮނުވިން، މަޖިލީހުގައި މި ބަހުސްކޮށް ތިން ފަހަރު މަތިން ވަނީ ފެއިލްކޮށްލާފައި މިހާރު މިއޮތީ. ޗައިނާ ސަރުކާރުން އެ އެހީ އަޅުގަނޑުމެންނަށް ލިބޭނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ހިސާބުގައި [މިހާރު މި އޮތީ]،" ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާފަންނު ދެކުނު ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ނިކުމެވަޑައިގެންނަވާ ކެންޑިޑޭޓް ހޮވިވަޑައިގެންފި ނަމަ އެ މައްސަލަ އޭނާ ހިމެނިވަޑައިގެންނަވާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާނެ ކަމަށެވެ.
ގެދޮރުވެރިކުރުމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހުޅުމާލެއަކީ ޕީޕީއެމްގެ މެނިފެސްޓޯގައި ޒުވާނުންގެ އުންމީދު ކަމަށާއި ހުޅުމާލެ އާއި މާލެ ބްރިޖަކުން ގުޅާލުމުގެ އެންމެ ބޮޑު ބޭނުމަކީ އެކަންތައް ހާސިލުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
"ޒުވާނުންގެ ގެދޮރުވެރިކަމާއި އިޖުތިމާއި މަސައްކަތްތަކާއި ކުޅިވަރުގެ ހަރަކާތްތަކާއި އިގުތިސާދީ ފުރުސަތުތައް އެންމެ ފުޅާވެގެންދާނީ، ހުޅުމާލެ ޔޫތު ވިލެޖަކަށް ވެގެންދިޔައީމާ. އެހެންވެ މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅާލަން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި ވެސް އުޅެނީ ހަމައެކަނިކި މާލޭގެ ރައްޔިތުން ނޫން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަތޮޅުތަކާއި ރަށްރަށާއި މާލޭ މީހުންނަކީ ދިވެހި ރައްޔިތުން ކަމަށާއި އެ ތަފާތު ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ގެންގުޅެމުން ގޮސްފައި ނުވާ ކަމަށާއި އެތަފާތު ކުރުން މި މިސަރުކާރުން ވެސް ނުގެންގުޅޭނެ ކަމަށެވެ.