20 Feb 2014, 10:18
ގއ. ވިލިނގިލީގައި ރޭ ހިންގި މާރާމާރީތަކެއްގައި މީހަކަށް ވަޅިއަކުން ހަމަލާދީ، އަދި ފޭސްބުކްގައި ޖަހާފައި އިން ސްޓޭޓަސްއެއްގެ މައްސަލައިގައި އިތުރު މީހެއްގެ ގައިގައި ކަޓަރު އަޅައިފި އެވެ.
ރޭ ވަޅިން އެކަކީ އެ ރަށު ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ އައްބާސް މުހައްމަދު، 55، އަށެވެ.
އައްބާސްގެ ދަރިއެއް ކަމަށްވާ ޖާދުއްﷲ އައްބާސް ބުނީ އޭނާގެ ބައްޕަ އަށް ހަމަލާދިނީ ރޭ 10 ޖަހާކަންހާއިރު ގެއަށް ދަނިކޮށް މޫނު ނިވާކޮށްގެން ހުރި ދެ މީހުން ކަމަށެވެ.
"މޫނު ނިވާކޮށްގެން ހުރި ދެ މީހަކު ސައިކަލެއްގައި އައިސް ހަމަލާދިނީ. ދުރުގައި ސައިކަލު ބަހައްޓާފައި އެކަކު ދުވެފައި އައިސް ވަޅި ހެރީ. ބެލެވެނީ ކަރަށް ވަޅި ހަރަން އުޅުނު ކަމަށް. އެކަމަކު ބައްޕަ އެނބުރުނީމާ ކޮނޑާ ދިމާލުން އަތަށް ހެރުނީ. ވަރަށް ފުންކޮށް ޒަހަމްވެފައި ހުރީ،" ޖާދުއްﷲ ބުންޏެވެ.
ޖާދުﷲ ބުނީ އޭނާގެ ބައްޕަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އެކަމަކު އަދިވެސް ބައްޕަ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ.
ރޭ ވިލިނގިލީގައި ހިންގި އަނެއް މާރާމާރީގެ މައުލޫމާތު ދެއްވަމުން ރަށު ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ފާރޫގް ވިދާޅުވީ އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިނގާފައި ވަނީ ސޯޝަލް މީޑިއާގައި ޖެހި ވާހަކައަކާ ގުޅިގެން ކަމަށެވެ.
"ފޭސްބުކްގައި ކޮންމެސް ކުއްޖެއްގެ ބައްޕައާ ގުޅޭ ވާހަކަތަކެއް ދައްކާފައި ހުރީ. ވަގު އެކައުންޓެއްގައި މި ވާހަކަތައް ހުރީ. އެކަކަށް ވެސް ނޭނގޭ ކާކު ހިންގާ އެކައުންޓެއް ކަމެއް އެއީ. ދެން ހަމަލާދިން މީހާ ހަމަލާދިނީ މި އޭނާ އަށް ޝައްކު ކުރެވޭ މީހާއަށް،" އޭނާ ވިދާޅުވި އެވެ.
ފާރޫގް ވިދާޅުވީ ކަޓަރުން ހަމަލާދިން ނަމަވެސް މާ ބޮޑު ޒަހަމްތަކެއް ލިބިފައިނުވާ ކަމަށާއި އެ ވަގުތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު އަނިޔާ ލިބުނު މީހާ ދޫކޮށްލާފައިވާ ކަމަށެވެ.