ކިޔޭވް (ފެބްރުއަރީ 20): ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުން އިންގިލާބަކުން ގައުމުގެ ޝަރުއީ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި މިކަމުގެ ފަހަތުގައި ހުޅަނގުގެ ބާރުތައް ވާކަމަށް ޔުކްރޭންގެ ރައީސް ވިކްޓަރ ޔަނަކޮވިޗް ތުހުމަތު ކުރައްވައިފި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހައްދުފަހަނަ އަޅާފައިވާ މީހުންތިބީ ކޮންމެ ކަމެއްކޮށްގެން ވެސް ގައުމުގެ ޝރުޢީ ވެރިކަން ވައްޓާލުމަށް ކަމަށާއި އެކަމަށް ހުޅަނގުގެ ބާރުތަކުން ހިއްވަރު ވެސް ދޭކަމަށް ބެލެވޭކަމުގަ އެވެ. ޔުކްރޭންގެ އަވަށްޓެރި ރަޝިޔާ އިން ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު އެގައުމުގައި ހިނގައިދިޔަ ލޭއޮހޮރުވުންތަކުގެ ޒިންމާ އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން ނަގަންޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި ޔުކްރޭންގެ ދިފާޢީ ވުޒާރާ އިން ވަނީ ގައުމުގައި އަމަން އަމާންކަން ގާއިމް ކުރުމަށް ޓަކައި ޓެރަރިޒަމާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށާއި ޓެރަރިސްޓުންނަށް ފުރްސަތު ނުދޭނެކަމުގަ އެވެ.

އަނެއްކޮޅުން ހުޅަނގުގެ ބާރުތަކުން ގެންދަނީ ޔުކްރޭންގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި ހަރުކަށި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ބާރު ބޭނުންކުރި މައްސަލަ ކުށްވެރިކުރަމުންނެވެ. މިގޮތުން އެމެރިކާ އާއި ޔޫރަޕުން ވަނީ ޔުކްރޭނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ޙާލަތު އޮތްގޮތް ރަނގަނޅަށް ދެނެގަތުމަށް ޓަކައި ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް އާއި ޕޮލެންޑްގެ ޚާރިޖީ ވަޒީރު ރަޑްސްލާވް ސިކޯސްކީ އާއި ޖަރުމަނުގެ ޚާރިޖީ ވަޒީރު ފްރޭންކް ވޯލްޓަރ ސްޓެއިންމިޔާ މިއަދުގެ ވަގުތެއްގައި ޔުކްރޭނަށް ވަޑައިގަންނަވާނެ އެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ވަފްދެއްގެ ގޮތުގައި އެބޭފުޅުން ޔުކްރޭނަށް ވަޑައިގަންނަވަނީ އެގައުމުގެ މިހާރު ޙާލަތު ބެއްލެވުމަށް ފަހު ޔޫރަޕްގެ އިއްތިޙާދަށް ރިޕޯޓެއް ހުށަހަޅުއްވުމަށް ކަމަށްވެ އެވެ. ފެބިއޮސް ވިދާޅުވީ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެގައުމުގެ ފުލުހުން ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު މަރާލުމާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ވިސްނުން ޔުރަޕުން ގެންގުޅޭ ކަމަށާ މިކަމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ބްރަސަލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކަމުގަ އެވެ.

ޔުކްރެއިންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންގެންދާ ހުޅަނގަށް ތާއީދުކުރާ އިދިކޮޅު ފަރާތްތަކާއި ޔުކްރޭންގެ ފުލުހުންނާ ދެމެދު މިދިޔަ އަންގާރަދުވަހު ހިނގި ކުރިމަތިލުންތަކުގައި 26 މީހުން މަރުވެ 200 އެއްހާމީހުން ޒަޚަމްވެފައި ވާތީ ޔުކްރެއިން ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ ވެސް ވަނީ ދީފައެވެ. އަންގާރަ ދުވަހުގެ ކުރިމަތިލުންތަކާ ގުޅިގެން ރައީސް ޔަނަކޮވިޗް ވަނީ ޔުކްރޭންގެ ސިފައިންގެ ވެރިޔާ މަގާމުން ދުރުކުރައްވާފަ އެވެ. (ރޮއިޓާސް)