ކިޔޭވް (ފެބްރުއަރީ 20): ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނަސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކާއި އެގައުމުގެ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ޔުކްރޭންގެ ރިޔާސަތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅު ލީޑަރުންނާއި ސަރުކާރުގެ އިސްމަސްއޫލުވެރިން ބައްދަލުކުރެއްވުމަށް ފަހު ގައުމަށް ހަމަޖެހުން ގެނަސް ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވާ ކަމުގަ އެވެ. އިދިކޮޅު ފަރާތްތަކުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ޔުކްރޭނަށް ހަމަޖެހުން ގެނައުމަށް އިދިކޮޅު ފަރާތްތަކާއި ސަރުކާރުން އެއްބަސްވެފައި މިވަނީ އެ ދެ ފަރާތުގެ ދެމެދުގައި މިދިޔަ އަންގާރަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި 26 މީހުން މަރުވެ 200 އެއްހާމީހުން ޒަޚަމްވެފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނަސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެއްބަސްވެ ވުނީ ރައީސް ޔަނަކޮވިޗް އާއި އިދިކޮޅު އެންމެ އިސް ތިން ލީޑަރުން ފޯނުން ކުރެއްވި ދިގު މަޝްވަރާ ތަކަކަށްފަހުގަ އެވެ.

ޔަނަކޮވިޗް ވަނީ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުން އިންގިލާބަކުން ގައުމުގެ ޝަރުއީ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި މިކަމުގެ ފަހަތުގައި ހުޅަނގުގެ ބާރުތައް ވާކަމަށް ތުހުމަތުކުރައްވާފަ އެވެ. ހުޅަނގުގެ ބާރުތަކުން ގެންދަނީ ޔުކްރޭންގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި ހަރުކަށި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ބާރު ބޭނުންކުރި މައްސަލަ ކުށްވެރިކޮށް ޔަނަކޮވިޗްގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ރޮއިޓާސް)