20 Feb 2014, 03:21
ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހިންގެވި ގާނޫނާ ޚިލާފު ކަންތައްތައް އޮޑިޓް ރިޕޯޓުތަކުން ފެންނަން އެބަހުރި ކަމަށާއި މަޖިލީހުގެ މެމްބަރުކަން އޭނާ އަށް ލިބިވަޑައިގެންފި ނަމަ އެ ނޫން ގޮތަކަށް އަމަލު ކުރާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ނުކުރާނެ ކަމަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
މާފަންނު ދެކުނު ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ރިފާއުގެ ކެންޕޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަސްލަމްގެ ފޯން ބިލަށް ގާނޫނު އަސާސީއާ ޚިލާފަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޚަބަރުތައް ބައްލަވާ ފަރާތްތަކަށް އެކަން އެނގޭނެ ކަމަށެވެ.
"ގާނޫނު އަސާސީގެ 102 ވަނަ މާއްދާ އާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެބޭފުޅާ [އަސްލަމް] ޚަރަދު ކުރި ވާހަކައަކީ ރާއްޖޭގެ ޚަބަރުތައް ބައްލަވާ ބޭފުޅުންނަށް ވަރަށް މަޝްހޫރުވެގެން ދިޔަ ވާހަކައެއް،" ނާއިބް ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި 2010 ވަނަ އަހަރު ގެ އެޅުމަށް ޓަކައި ހައުސިން މިނިސްޓްރީން ބަޔަކާ ހަވާލުކުރި އިރު ކޮންޓްރެކްޓުގެ އަގުގެ 96 މިލިއަން ރުފިޔާ ދުރާލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ހަވާލުކޮށްފައިވާ ކަމަށާއި ގާނޫނު އަސާސީ އާއި މާލިއްޔަތުގެ ގާނޫނުގައިވާ ހަމަތަކަށް ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނާއިބް ރައީސް ވިދާޅުވީ އަސްލަމް ހައުސިން މިނިސްޓްރީ ހިންގެވިގޮތާ ބެހޭ ގޮތުން ތަކުރާރުކޮށް ނެރެފައިވާ އޮޑިޓް ރިޕޯޓުތަކަށް ބަލާ އިރު އެމްޑީޕީގެ އަމާނާތްތެރިކަމާއި އަދި ޕީޕީއެމްގެ އަމާނާތްތެރިކަމާ ހުރި ތަފާތު އެނގިގެންދާނެ ކަމަށެވެ. އަދި އެމްޑީޕީ އަކީ ރައްޔިތުން ހޯދާފައިވާ ކުރިއެރުންތަކަށް ފުރަގަސްދީފައިވާ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަބްދުﷲ ރިފާއު އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.