ކިޔެވުން ފެށުމުގެ ކުރިން މާލޭގެ ތިން ސްކޫލެއް މަރާމަތު ކުރުމަށް ކުރެވޭ މަސައްކަތަށް 1.5 މިލިއަން ރުފިޔާއަށް ވުގެ ގިނަ އަދަދެއްގެ ފައިސާ ހަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ މުހައްމަދު ޔޫސުފު މިއަދު ވިދާޅުވީ މާލޭގެ ސްކޫލްތަކުގެ އިމާރާތްތަކުގެ ހާލަތު ދިރާސާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދުމުން ހައުސިން މިނިސްޓްރީން ހުށަހެޅި ރިޕޯޓުގައި މާލޭގެ ތިން ސްކޫލެއް މަރާމާތު ކުރަން ޖެހޭނެ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.


އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ތިން ސްކޫލަކީ، އެޑިޔުކޭޝަނުން ބުނި ގޮތުގައި، އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.


އިސްކަންދަރު ސްކޫލުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލުގައި އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ދެ ސްކޫލުގެ މަސައްކަތް ވެސް ސްކޫލު ކުދިންގެ ކިޔެވުން ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.


"އާމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ހުރިހާ ސްކޫލެއްގެ ވެސް މަސައްކަތް ކިޔެވުން ފެށުމުގެ ކުރިން ނިންމާލެވޭނެ." ޔޫސުފް ވިދާޅުވި އެވެ.