20 Feb 2014, 00:13
ވިލިނގިލީ ފެރީ ޓާމިނަލް ކުރިމަތީގައި މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ޕާކިން އޭރިއާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ)އާ ހަވާލު ކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް އެމްޓީސީސީ އިން ކުރި ދައުވާގެ ޝަރީއަތް ހިންގުމަށް ފަހު އެވެ. އެމްޓީސީސީ އިން ކުރި ދައުވާގައި ބުނެފައި ވަނީ ކުރީގެ މާލޭ މުނިސިޕަލްޓީން ޖޫން 2، 2008ގައި ވިލިމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ 405 ނަމްބަރު ކޮށި 35 އަހަރަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނިކޮށް، މިހާރުގެ ސިޓީ ކައުންސިލުން އެއްބަސްވުމާ ހިލާފަށް އެތަނުގައި ވަގުތީ ޕާކިން ސަރަހައްދެއް ހަދައި، އެތަނުގެ ކުލި ދެއްކުމަށް އަންގާފައިވާ ކަމަށެވެ. ކުލީގެ ގޮތުގައި 2.6 މިލިއަން ރުފިޔާ ދެއްކުމަށް ސިޓީ ކައުންސިލުގެ ސިޓީއަކުން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް އެމްޓީސީސީގެ ދައުވާގައިވެ އެވެ.
އެ މައްސަލާގައި އެމްޓީސީސީ އިން ސިވިލް ކޯޓުގައި އެދިފައި ވަނީ އެ ކުއްޔަކީ ދައްކަންޖެހޭނެ އެއްޗެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ޕާކިން އޭރިއާ ހުސްކޮށް ދިނުމަށާއި އެމްޓީސީސީ އިން އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ހުއްދަތައް ދިނުމަށެވެ.
އެމްޓީސީސީ އިން ކުރި ދައުވާ އަށް ޝަރީއަތް ހިންގުމަށް ފަހު، ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ކުލި ހިނގަން ފަށާނީ ކުއްޔަންދޭތަން ކުއްޔަން ހިފާ ފަރާތުގެ ބެލުމުގެ ދަށަށް ދިޔުމުން ކަމަށްވާތީ، އެ ބިން އެމްޓީސީގެ ބެލުމުގެ ދަށުގައި ނުވާތީ، އެމްޓީސީސީ އިން ސިޓީ ކައުންސިލަށް ކުލި ދައްކަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ފެރީގެ ހިދުމަތް ފުޅާ ކުރުމުގެ މަގުސަދުގައި އެމްޓީސީސީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާލޭގެ މުނިސިޕަލްޓީން ދޫކޮށްފައިވާ ބިން، އެއްބަސްވުމާ އެއްގޮތަށް 30 ދުވަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލު ކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
"އެއްބަސްވުންތަކުގެ ދަށުން، ދައުވާ ކުރާ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ހުއްދަތަކުގެ ތެރެއިން ދައުވާ ލިބޭ ފަރާތުން ދޭންޖެހޭ ހުއްދަތައް ދިނުމަށް ދައުވާ ލިބޭ ފަރާތައް އަންގައި ހުކުމްކޮށްފީމެވެ." ގާޒީ އަލީ ރަޝީދު ހުސައިން ކުރެއްވި ހުކުމުގައިވެ އެވެ.