އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚޫރުޝީދު މިރޭ ރާއްޖެވަޑައިގެންފި އެވެ.

މިރޭ އިރާކޮޅު ޚޫރުޝީދު ރާއްޖެވަޑައިގެންނެވުމުން އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާއި ހައިކޮމިޝަނުގެ އެހެން އޮފިޝަލުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނެވެ.

ސަލްމާން ޚޫރުޝީދު ރާއްޖެވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. މި ދަތުރުފުޅުގައި މާދަމާ ބަނޑޮސް މޯލްޑިވްސްގައި އޮންނަ ސާކް ކައުންސިލް އޮފް މިނިސްޓަރްސް ބައްދަލުވުމުގައި އޭނާ ބައިވެރި ވެވަޑައިގަންނަވާނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނާ ވެސް އޭނާ ބައްދަލުކުރައްވާނެ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ލޭންޑިން ކްރާފްޓަކާއި ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ފެކަލްޓީ ޚޫރުޝީދު މާދަމާރޭ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާނެ އެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޑިފެންސް މިނިސްޓްރީގެ އިމާރާތުގެ ބިންގާ ވެސް އޭނާ އަޅުއްވައިދެއްވާނެ އެވެ.

ސަލްމާން ޚޫރުޝީދަކީ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންނެވި ބޭރު ގައުމެއްގެ އެންމެ ފުރަތަމަ ފޮރިން މިނިސްޓަރެވެ. ނަމަވެސް މާދަމާ އޮންނަ ސާކް ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމަށް ސާކްގެ އަށް ގައުމުގެ ފޮރިން މިނިސްޓަރުން ވެސް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.