މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން 31 އެތުލީޓަކަށް ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފި އެވެ.

އެމްއޯސީ އިން ކުރިއަށް ގެންދާ "އެލީޓް އެންޑް ޔަންގްއެތުލީޓްސް ޓްރެއިނިން ސްކޮލާޝިޕް" ޕްރޮގްރާމުގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ލިބުނު އެތުލީޓުންނަށް ލިޔުން ހަވާލުކޮށްދެއްވީ، އެމްއޯސީން އިންތިޒާމްކޮށްގެން ނޭޝަނަލް އާޓްގެލަރީގައި މިރޭ ބޭއްވި ހަފްލާއެގައި ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް އެމްއޯސީ އިން ބަޖެޓު ދީގެން އެ އެސޯސިއޭޝަންތަކަކުން، އިހްތިޔާރުކުރާ އެތުލީޓުންނަށް އެސޯސިއޭޝަންތަކުން އިހުތިޔާރުކުރާ ގައުމެއްގައި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ތަމްރީނުތަކުގައި އެތުލީޓުން ބައިވެރި ކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.

އެމްއޯސީއިން 2011 ވަނަ އަހަރު ޖުމުލަ ފަސް އެތުލީޓަކަށް ފުރުސަތު ދީގެން ފެއްޓި މި ޕްރޮގްރާމްގައި މިއަހަރު 31 އެތުލީޓަކަށް ފުރުސަތު ދީފައިވާއިރު އޮލިމްޕިކް ކޮމެޓީން ބުނީ، އެ ކުދިންގެ ތެރެއިން ހޮވާލެވޭ 10 އެތުލީޓަކަށް އޮލިމްޕިކް ސްކޮލަޝިޕް ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިރޭ ސްކޮލާޝިޕް ލިބުނު އެތުލީޓުންގެ ތެރޭގައި ހިމެނެނީ، ޝޫޓިން އެސޯސިއޭޝަނުން، ހަ އެތުލީޓަކާއި، އެތުލެޓިކްސް އެސޯސިއޭޝަނުން ހަ އެތުލީޓަކާއި ބެޑްމިންޓަން އެސޯސިއޭޝަނުން، ފަސް އެތުލީޓަކާއި އަދި ސްވިމިން އެސޯސިއޭޝަނުގެ ފަސް އެތުލީޓެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މިރޭ ކޯސް ލިބުނު ބައެއް އެތުލީޓުން މިހާރުވެސް ކޯހުގައި ބައިވެރިވެ ތަމްރީނުތައް ފުރިހަމަ ކުރަމުން އެބަ ގެންދާ ކަމަށާއި އަދި ދެންތިބި އެތުލީޓުންވެސް ވަރަށް އަވަހަށް ތަމްރީނުތަކުގައި ފުރާނެ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ، އޮލިންޕިކްގައި ރާއްޖޭގެ އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް 2011 ވަނަ އަހަރު ފެށި ޕްރޮގްރާމްގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށާއި އެގޮތުން އެފަހަރު ފުރުސަތުދިން އެތުލީޓުންގެ ތެރެއިން ހަތަރު އެތުލީޓަކު ވަނީ ބައިނަލްއަގްވާމީ ކާމިޔާބީތަކެއް ރާއްޖެއަށް ހޯދައިފީފައި ކަމަށެވެ.