19 Feb 2014, 23:31
ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބިރެއް ނެތި ހިޔާލުފާޅުކުރުމުގެ ހައްގު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން ނިގުޅިފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ގައްދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އިބުރާހީމް އަމީރުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް މުލިއާގޭގެ ފުރަގަހުގައި މިރޭ ބޭއްވި އެއްވުމުގަ އެވެ.
"...ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުރެ، އަޅުގަނޑު މިއަދު ދަންނަވަން ބޭނުން ތިޔަބޭފުޅުންނާ ހަމައަށް، ރާއްޖޭގެ ރައްޔިތުންނާ ހަމައަށް، ރާއްޖޭގެ ގާނޫނު އަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރެއް ނެތި ހިޔާލުފާޅުކޮށް، ބޭނުން ވާހަކަތައް ދައްކައި، ރައްޔިތުންގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބިދީފައިވާ ހުރިހާ ހައްގެއް މިއަދު ވަނީ ނިގުޅައިގެންފައި،" ޝާހިދު ވިދާޅުވި އެވެ.
އެހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެ ހައްގު ނިގުޅައި ގަތީ ކޮން ފަރާތަކުން ކަމެއް ސީދާ ގޮތެއްގައި ޝާހިދު ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭގެ ކުރިން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ފަނޑިޔާރުގެ "ވަރުގަދަ" ކުރުމާ ބެހޭ ގޮތުންނެވެ.
ފަނޑިޔާރުގެއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ފަނޑިޔާރުގެ އަލުން އިމާރާތްކޮށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
"...އިސްލާހު މި ލަފުޒަކީ އަޅުގަނޑުމެންގެ ތެރޭގައި އޭގެ ބޭނުން އެކި ގޮތް ގޮތަށް ނަހަމަގޮތުގައި ބޭނުންކޮށް، މިއަދު ރާއްޖޭގެ ރައްޔިތުން ފޫހި ވެފައިވާ ލަފުޒެއް. އެހެންވީމާ އަޅުގަނޑުމެން ބޭނުން ކުރީ ވަރުގަދަކުރުން. ވަރުގަދަކުރަން ޖެހޭ ސަބަބަކީ ފަނޑިޔާރުގެ އަލުން މުޅިން ބިނާކޮށް، އެތަނުގައި ހުރި ބާ ވަކަރާ ފަންގިފިލަޔާ، މަތީގައި ޖަހާގައިވާ ޓިނު އެގޮތަށް ދަންމުވަން ބޭނުންވި ކަމުގައި ވިޔަސް އެ ތަނުގައި ފަން، އެދޮވެ، ޖެހޭ ނަގަން. ނަގާފައި ފަނޑިޔާރުގެ އަލުން އިމާރާތްކޮށް ވަރުގަދަ ކުރަން މިޖެހެނީ،" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން ޝާހިދު ވިދާޅުވީ ރާއްޖެ މިސްރާބު ޖަހާފައި މި ވަނީ ބާރުތައް އެއްކުރުމާ ދިމާއަށް ކަމަށެވެ.
"...މިހާރު ރާއްޖޭގެ ގައުމީ ނައު މިސްރާބުޖަހާފައި މި ވަނީ، ހިތާމައާ އެކު ދަންނަވަން ޖެހެނީ މާޒީގެ ތެރެއަށް ކަމަށް. އަލުން ބާރުތައް އެއްކުރުމާ ދިމާއަށް،" ޝާހިދު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކާއި އެ ޕާޓީއަށް ނިސްބަތްވާ ގައްދޫ ދާއިރާގެ ބައެއް މެމްބަރުން ބައިވެރިވި އެވެ. އެ ޖަލްސާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑަގަންނަވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އަމިއްލަފުޅު ސަބަބަކާ ހެދި އެމަނިކުފާނު ވަޑައެއް ނުގަންނަވަ އެވެ.