19 Feb 2014, 18:41
ސްކޫލުތަކުގެ ދަރިވަރުންނަށް ކައުންސިލިންދީ ގްރޭޑް އެކެއްގެ ދަރިވަރުން ހެލްތު ސްކްރީން ކޮށްދިނުމުގެ ޕްރޮގްރާމް ފެށުމަށް ދެ މިނިސްޓަރީއަކާއިއެކު އެޑިއުކޭޝަން މިނިސްޓަރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރީ އާއި ޑިފެންސް މިނިސްޓަރީއަކާއި އެކުގަ އެވެ.
އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. ހެލްތު މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ. އަދި ޑިފެންސް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝިހާމް ވިދާޅުވީ ސިއްހީ މައްސަލައެއް ކުރިމަތިވުމުން، ދަރިވަރުންނަށް ކިޔެވުމަށް ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ. އަދި ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ދަރިވަރެއްގެ އެއްވެސް ސިއްހީ މައްސަލައެއް ހުރިނަމަ އެ ކަމެއް ބަލައި ފިޔަވަޅު އެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހެލްތު ސްކުރީނިންގ ތެރޭގައި ލޮލުގެ މައްސަލަ ހުރިތޯ ބެލޭނެ. ކަންތަފުގައި މައްސަލައެއް ހުރިތޯ ބެލޭނެ. ހަމުގެ މައްސަލައެއްހުރިތޯ ބެލޭނެ. އަދި ވާހަކަ ދެއްކުމާއި ހެދިބޮޑުވުމާއިބެހޭ އެއްވެސް މައްސަލައެއް ހުރިތޯ އާއި ނޭވާލާ ނިޒާމުގެ އެއްވެސް މައްސަލައެއް ހުރިތޯ ބެލޭނެ. މި ބަލާބެލުމުގައި ހެލްތު ސްކްރީނިން އިން ފާހަގަކުރެވޭ ދަރިވަރުންގެ ހުރި މައްސަލަތައް ދެނެގަތުމަށްފަހު ސިއްހީ މަސައްކަތްތެރިއަކަށް ރިފާކުރެވޭނެ،" މިނިސްޓަރ ޑރ. ޝިހާމް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން ގްރޭޑް އެކެއްގެ ދަރިވަރުން ހެލްތް ސްކްރީން ކުރުމުގެ އިތުރުން ސުކޫލުތަކުގެ ޓީޗަރުންނަށް ބޭސިކް ފަސްޓްއެއިޑް ޓްރެއިން އެއްވެސް ހިންގާނެ ކަމަށެވެ. އަދި އެހިދުމަތް ފޯރުކޮށްދޭނީ އެމްއެންޑީއެފްގެ މިލިޓަރީ ހޮސްޕިޓަލް ސެނެހިޔާގެ މެދުވެރިކޮށް ކަމަށްވެސް އެ މިނިސްޓަރީން މައުލޫމާތުދެ އެވެ.
އެ ޕްރޮގްރާމްގެ ދަށުން ރާއްޖެ ތެރޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް، ހެލްތް މިނިސްޓަރީގެ ދަށުން ރަށްރަށުގައި ގާއިމްކުރެވިފައި ހުރި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަން މެދުވެރިކޮށް ހެލްތް ސްކްރީން ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ. އަދި ދަރިވަރުންނަށް ކައުންސިލިންގެ ހިދުމަތް އަތޮޅުތަކުގައި ގާއިމް ކުރެވިފައި ހުރި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްތައް މެދުވެރިކޮށް ދިނުމުގެ ނިޒާމެއް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނީ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރީން ހާސިލްކުރުމަށް ކަނޑައަޅާފައިވާ އެ ޕްރޮގްރާމްގެ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.