މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ރައީސަކު ހޮވުމަށް ބޭއްވި ބައްދަލުވުމަކީ ޑިއު ޕްރޮސެސް ފުރިހަމަނުކޮށް ބާއްވާފައިވާ ބައްދަލުވުމެއް ކަމަށް ކަނޑައަޅައި ކައުންސިލް ކަނޑައެޅުމުން، ބ. ދަރަވަންދޫ ދޭލިޔާގެ، އަބްދުﷲ މުއާޒަށް އެމްއެމްސީގެ ރައީސްކަން ގެއްލިއްޖެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި މީޑީއާ ކައުންސިލް ބައްދަލުވުމުގައި އެ ކައުންސިލްގެ ހަ މެމްބަރުންގެ އަލުގަބިއްޔަތުން ރައީސްކަމަށް ވަޑައިގެންނެވީ މުއާޒެވެ. އޭނާއާ އެކު އެ މަގާމަށް ވާދަ ކުރެއްވީ ނ. ވެލިދޫ ދިރޭލާލް، މުހައްމަދު އަބްދުﷲ ޝަފީގާއި ދިޓީވީ ހިންގުމާ ހަވާލުވެހުންނެވި ގ. އަލަފަރު، މިދުހަތު އާދަމެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާ ކައުންސިލުގެ މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު، މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ކައުންސިލަށް ރައީސަކު އަލުން އިންތިހާބު ކުރުމަށް 72 ގަޑިއިރު ނުވަތަ ތިން ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ރައީސަކު ހޮވުމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ އެ ކައުންސިލަށް އަލުން ރައީސަކު ހޮއްވަން ނިންމެވީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ކަމަށް ވާދަ ކުރައްވި މެމްބަރެއްގެ ހައްގު ގެއްލޭ ގޮތަށް ކައުންސިލް އަމަލުކޮށްފައިވާތީ ކަމަށެވެ. އެ ގޮތުން ރަށުން ބޭރުގައި އެ މެމްބަރަކު ހުންނަވަނިކޮށް އޭނާގެ ނަން ރައީސް ކަމަށް ހުށަހަޅައި، އެކަމުން ތަނާޒުލްވުމުގެ ފުރުސަތާއި ކެމްޕޭން ކުރުމުގެ ފުރުސަތު އެ މެމްބަރަކަށް ކައުންސިލުން ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގަވައިދުގައި ބުނާ 72 ގަޑި އިރުގެ ނޯޓިސް ވެސް ދީފައި ނުވާ ކަމަށް ބުނެ ބައެއް މެންބަރުން ޝަކުވާ އުފިލި އެވެ.

މީޑިއާ ކައުންސިލްގެ ދެ ދައުރުގައި މިހާތަނަށް ތިން ރައީސަކު އެ ކައުންސިލަށް އިންތިހާބު ކުރި އެވެ. މުއާޒަށް ރައީސްކަން ގެއްލުމުގެ ކުރިން އެ މަގާމުގައި ހުންނެވީ ހުޝާމް މުހައްމަދެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޓޭޓް ގާސިމް އިބްރާހީމްގެ ތަރުޖަމާން އިބްރާހީމް ހަލީލެވެ.