19 Feb 2014, 15:55
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް ވާދަ ކުރާނެ މެންބަރަކު ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ ބާތިލުކުރުމަށް އެ ދާއިރާގެ މިހާރުގެ މެންބަރު އަލްހާން ފަހުމީ ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ވަޅިން ބަޔަކު ހަމަލާދިނުމުގެ ސަބަބުން ލަންކާގައި ފަރުވާ ހޯދަމުންދާ އަލްހާންގެ އާއިލާގެ ފަރާތުން ޝަޒްބާން ފަހުމީ ވިދާޅުވީ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ ޕްރައިމަރީ ކުރިއަށް ގެންގޮސްފައި ވަނީ އުސޫލާ ހިލާފު ބާތިލު ވޯޓާސް ލިސްޓެއްގެ މައްޗަށް ބިނާކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވާތީ ކަމަށެވެ.
ޝަޒްބާން ވިދާޅުވީ ބާތިލް ވޯޓާސް ލިސްޓަކަށް ބަލައިގެން ވޯޓުލުން ކުރިއަށް ގެންގޮސްފައި ވާތީ ޕްރައިމަރީ ބާތިލުކޮށް އެ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓު ސ. ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު ކެންޑިޑެސީ ބާތިލު ކުރުމަށް ކޯޓުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ނިހާދުގެ ކެންޑިޑެސީ ވަގުތީ ގޮތުން ހިފެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އަލްހާންގެ ފަރާތުން އެދިވަޑައިގެންފައިވާނެ ކަމަށް ޝަޒްބާން ވިދާޅުވި އެވެ.
މިދިޔަ މަހުގެ 31ގައި ބޭއްވި ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ބެހެއްޓި ފޮއްޓާއި ފޭދޫ ފޮށިން ކުރި ހޯއްދެވީ ނިހާދެވެ. އަލްހާނާ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައި ނިހާދު ވަނީ 341 ވޯޓް ހޯއްދަވާފަ އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ބާއްވާފައި ވަނީ ބާތިލް ކުރި އިންތިހާބުގެ ވޯޓާސް ލިސްޓު އަސްލަކަށް ބަލައިގެން ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން ވަނީ އެއްބަސްވެފަ އެވެ. ފޭދޫ ދާއިރާގެ އެމްޑީޕީގެ ގޮފީގެ ރައީސް އަބްދުﷲ ސައީދު ނެރުއްވި ރިޕޯޓުގައި ބުނެފައި ވަނީ ޕްރައިމަރީގައި ބައެއް ކެނޑިޑޭޓުން ހަމަނުޖެހުން އުފައްދައި ބިރު ދެއްކި ކަމަށާއި ވޯޓުލުން ކުރިއަށް ދިޔައީ މަޖްބޫރީ ހާލަތެއްގައި ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން ނިންމާފައި ވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލް ކުރަންޖެހޭ ވަރުގެ މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.