19 Feb 2014, 15:17
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ ކުންފުންޏަކަށް ވ. ބޮޑުމޮހޮރާ ކުއްޔަށްދިނުމަށް ފިނޭންސް މިނިސްޓްރީން އުޅެނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން( އޭސީސީ) އިން އެކަން ހުއްޓުވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ބޮޑުމަހުރާ ކުއްޔަށްދިނުން ހުއްޓުވާފައި ވަނީ، އެތަން ކުއްޔަށްދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
"އެއްވެސް ބަޔަކަށް ބޮޑުމަހުރާ ކުއްޔަށް ނުދިނުމަށް މި ކޮމިޝަނުން ވަނީ އަންގާފައި. އެއީ މި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ،" ލުތުފީ ވިދާޅުވި އެވެ.
ބޮޑުމަހުރާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސީއެސްއާރު މަޝްރޫއެއް ހިންގާ ގޮތަށް "މެރިން ޓެކްނޮލޮޖީޒް" ނަމަކަށް ކިޔާ ކުންފުންޏަކަށް އެވޯޑްކޮށްފައިވާ ރަށެކެވެ.
ސީއެސްއާރް މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ދޫކުރި ރަށްތަކުގެ އެގްރިމަންޓްތަކަށް އަމަލު ނުކުރަން ސަރުކާރުން ނިންމި އެވެ. ނަމަވެސް އެކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޯޓުން ވަނީ ބޮޑުމަހުރާގެ އެއްބަސްވުމަށް އަމަލުކުރުމަށް ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ލުތުފީ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ ތަފްސީލީ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށެވެ. ނަމަވެސް ތަހުގީގު ނިމުމުން އެ މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.