19 Feb 2014, 14:55
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ހޮވިވަޑައިގެންފައިވާ ފަރާތްތައް ހުވާ ކުރުން އަންނަ ބުދަ ދުވަހު ފެށިގެން އެކި ރަށްތަކުގައި ކުރިއަށް ދާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނެފި އެވެ.
އެލްޖީއޭގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން އަތޮޅުތަކުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ހޮވިވަޑައިގެންފައިވާ ހުރިހާ ބޭފުޅުން ވެސް ހުވާ ކުރާނީ ބުދަ ދުވަހުން ފެށިގެން އެކި ދުވަސްތަކުގައި ކަމަށެވެ.
ނަމަވެސް ހުވާކުރުމަށް ހަމަޖައްސާފައިވާ ގަޑި އެކި ރަށްރަށުގައި ތަފާތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ ދަތިކަމެއް އެބައުޅޭ، އެހެންވެ އެއް ފަނޑިޔާރަކު ޖެހިދާނެ އެއް ރަށެއްގައި ހުވާލާދީފައި އެހެން ރަށަކަށް ވެސް ދާން، އެހެންވެ ހުވާކުރާ ގަޑިތައް ތަފާތު ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލަރުން ހުވާކުރުމަށް ފަހު ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތައް ހިންގެވުމާ އެ ދުވަހު ހަވާލުވެވަޑައިގެންނަވާނެ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.
އެލްޖީއޭއިން ވަނީ ކައުންސިލްތަކުގައި އެ ދުވަހު ހުވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވާލެއް އެކުލަވާލައިފަ އެވެ.