ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް މުވައްޒަފަކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލައި އެ މީހެއްގެ ނަން އިލެކްޝަނުން ގަބޫލު ކުރާ ހިސާބުން ފެށިގެން ވަޒީފާއިން ވަކިކުރާ ގޮތަށް ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން ނިންމި ނިންމުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ޑީއާރްޕީން ބުނެފި އެވެ.


އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ފެލިވަރު ކާރުހާނާގެ އެ އަމަލު ޑީއާރްޕީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި ބިރު ދެއްކުމުގެ އެ އަމަލަކީ އިންސާނިއްޔަތާ ހިލާފު ރަހުމް ކުޑަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.


ފެލިވަރުގައި ވަޒީފާ އަދާކުރާ މީހުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ހަމަޖެއްސި އިރު ވާޒީފާއާ ބެހޭ ގާނޫނަށް އެއްވެސް ވަރަކަށް ބަލާފައި ނުވާ ކަމަށާއި ފެލިވަރުގެ މުވައްޒަފުންގެ ހައްގުތަކަށް އެއްވެސް ހުރުމަތެއް އަދާކޮށްފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.


"... ފެލިވަރުގެ ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކަށް ހުރުމަތްތެރިކަމެއް ނުބަހައްޓައި ވީހާވެސް ބޮޑަށް މުވައްޒަފުން ބްލެކްމެއިލް ކުރާ ގޮތަށް އެ މުވައްޒަފުންގެ ކުށެއް ނެތި ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީ އަދި ވަޒީފާއިން ވަކިކުރާ އެއްވެސް މުވައްޒަފަކަށް ތިން އަހަރު ވަންދެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެއްވެސް ވަޒީފާއެއް ނުލިބޭ ގޮތަށް ހަމަޖެއްސެވިކަން އެއީ ދިވެހި ރައްޔިތުންގެ ޕާޓީން ވަރަށް ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ވެއެވެ.


މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް ފެލިވަރު ކާރުހާނާއިން މުވައްޒަފުންގެ މައްޗަށް ނެރެފައިވާ ސާކިއުލާތަކަށް އަމަލު ނުކުރުމަށް ގޮވާލާ ކަމަށެވެ.