މާލޭގައި އުފެދޭ ކުނީގެ ބޮޑުބައެއް އުކާލަނީ އަވަށްޓެރި ބަންގްލަދޭޝް އިން އައިސް ތިބި މީހުންނެވެ. އެމީހުން އެކަމުގައި ބޭނުންކުރަނީ ދުއްވުމަށް އެއްވެސް ހަރަދެއް ނުހިނގާ، ތިމާވެއްޓާ ރަހުމަތްތެރި ބައިސްކަލެވެ.

ރާއްޖޭގައި މިމަހުގެ ފަސް ވަނަ ދުވަހު އަމަލުކުރަން ފެށި ގަވައިދުގެ ދަށުން ކުނި އުކާލުމަކީ ކޮންމެ ކޮންމެ މީހަކަށް، ކޮންމެ ކޮންމެ ގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރަން ޖެހެނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާ މިންގަނޑުތަކަކާ އެއްގޮތަށެވެ. އަދި އެގޮތަށް އެކަން ކުރުމަށް އީޕީއޭގައި ރަޖިސްޓްރީ ވެސް ކުރަން ޖެހެއެވެ.

އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު މުރުތަޟާ މިއަދު ވިދާޅުވީ ކުނިމެނޭޖް ކުރުމުގެ ގަވައިދާ އެއްގޮތަށް ކުނި އުކާލުމުގެ މަސައްކަތް ކުރުމަށް ޓަކައި ރަޖިސްޓްރީ ވުމަށް ބަންގްލަދޭޝް މީހުން އަންނަ ކަމަށެވެ. އަދި އެމީހުން އަންނަނީ ރައްކާތެރި ގޮތުގައި ކުނި އުކާލުމަށް އެމީހުންގެ ބައިސްކަލް ތައްޔާރުކުރާނެ ގޮތުގެ ޑިޒައިން ވެސް ހިފައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިދޭސީންނަށް ވެސް އެނގިއްޖެ ދެން ތިމަންނާ މެން މިހާރު މިކުރާ ގޮތަކަށް ދެން ކުނި އުފުލުމުގެ މަސައްކަތެއް ނުކުރެވޭނެކަން. އެނގިގެން ވަރަށް ގިނަ މީހުން ރަޖިސްޓްރީ ވާން ވެގެން އެޕްލިކޭޝަން އެބަ ހުށަހަޅާ. ދެން އަޅުގަނޑުމެންގެ ގަވައިދުގައި އޮންނާނެ ކުނި އުފުލާ އުޅަނދުގެ ސްޕެސިފިކޭޝަންސްތައް ( ހުންނަން ޖެހޭނެ ސިފަތައް) ވެސް. ދެން އެމީހުން މިއަންނަނީ ފޮޓޯ ( ކުނި އުކާލާ ބައިސްކަލުގެ ފޮޓޯ) އަކާ އެކީގައި،" މުރުތަޟާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ފޮޓޯތަކާ އެކު ރަޖިސްޓްރީ ވާން މިހާރު 20 މީހުންނަށް ވިރެ ގިނައިން ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި އެއްވެސް މީހަކަށް އީޕީއޭއިން ލައިސަންސް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އެއްވެސް ބައިސްކަލެއް ރަޖިސްޓްރީއެއް ނުކޮށްދެން. އަންނަނީ ފޮޓޯއެއް ޖަހާލައިގެން ނޫނީ ކުރަހާލައިގެން. ދެން އެހެން ގެނައިމަ އަޅުގަނޑުމެން އަދި ގަބޫލެއް ނުކުރަން. އަޅުގަނޑުމެން އަމިއަލައަށް ބަލައިލާނަން،" އޭނާ ވިދާޅުވިއެވެ.

މުރުތަޟާ ވިދާޅުވީ، މިހާރު ރާއްޖޭގައި ތިބި މީހުންނަކީ ވޭސްޓް މެނޭޖްމެންޓް ކެޓަގަރީން ވިސާ ހޯދައިގެން ތިބި މީހުންނަށް ނުވާތީ އެމީހުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ނުވެސް ކުރެވޭނެ ކަމަށެވެ. އެކަން އެނގިގެން ބައެއް މީހުން އަންނަނީ ދިވެއްސަކުވެސް ގޮވައިގެން ކަމަށް އެނާ ވިދާޅުވި އެވެ.

ކުނިމެނޭޖް ކުރުމުގެ ގަވައިދަށް މިމަހުގެ ފަސް ވަނަ ދުވަހު އަމަލުކުރަން ފެށި ނަމަވެސް އެގަވައިދުގެ ބައެއް ކަންތައްތައް ތަންފީޒުކުރުމުގައި އީޕީއޭއިން ވަނީ ދޫތަކެއް ދީފައެވެ. އެގޮތުން ކުނި އުކާލުމުގެ ލައިސަންސް ހޯދުމަށް ވެސް ދެމަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.