19 Feb 2014, 14:32
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ އަކަށް އުޅުނު ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް މަރާލި، ހދ. ކުޅުދުއްފުއްޓަށް ނިސްބައިވާ، އަބްދުﷲ ޒުހައިރު އުމުރަށް ޖަލަށް ލާން ހުކުމް ކުރިތާ 11 އަހަރަށް ފަހު އޭނާ މިނިވަންކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަޒުލީނާގެ ގާތިލު ޒުހައިރު ދޫކޮށްލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މިކަމާ ބޭހޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަޒްލީނާ މަރާލުމުގެ ކުށުގައި ޒުހައިރުގެ އިތުރުން ޖަލަށްލާފައި ވަނީ ގދ. ހޯނޑެއްދޫ، ސަވޭރާ އިބްރާހީމް ހަމްދީ އާއި އެ ރަށު ހުސްނުހީނާގޭ އަބްދުﷲ އިސްމާއީލެވެ. އެ ދެ މީހުން މިނިވަން ކުރިމަކެއް އަދި ނޭނގެ އެވެ.
އެމީހުންގެ ތެރެއިން ޒުހައިރާއި އިސްމާއީލް އަކީ އަޒްލީނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންނެވެ. އަދި ހަމްދީ އަކީ އަޒްލީނާ މަރާލުމަށް ރާވައި، ފާރައަށް ހުރި މީހާ އެވެ.
އަޒުލީނާ މަރާލުމުގެ ކުށް އެމީހުންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ އެންމެން 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ 2002 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަޒްލީނާގެ ގާތިލް ޒުހައިރު މިހާރު އުޅެމުންދަނީ އަމިއްލަ ކުންފުންޏެއްގެ ސެކިއުރިޓީ ގާޑަކަށެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާގެ ތެރޭގައި އަޒްލީނާ މަރާލާފައި އޮއްވައި ފެނުނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ.
އަޒުލީނާގެ ވާރިސުން އެދުނުގޮތަށް، މަރުގެ ދިޔައިގެ ގޮތުގައި 100،000ރ. ދިނުމަށް އެ ތިން މީހުންގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.