19 Feb 2014, 13:41
މިދިޔަ އަހަރުގެ ރޯދަ މަހު ދުވާލު ވަގުތު ސިނގިރެޓެއް ބުއި މީހަކު ދެ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަލީ ޝަރީފް އަބްދުއްރަޝީދު، ހ.ހަކި، ގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ރޯދަ މަހު އޭނާ ސިނގިރެޓު ބޮއި، އެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
"ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރޯދައަށް ނުހުރެ އެ ދުވަހުގެ ދުވާލުގެ ވަގުތުގައި ސިނގިރެޓު ބޮއި ހަދާފައިވާކަން އަލީ ޝަރީފް އަބްދުއްރަޝީދުގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ ޝަރުއީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމުގެ ކުށުން އަލީ ޝަރީފް އަބްދުއްރަޝީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިފިން،" އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައި އިތުރަށް ބުނަނީ ރޯދަ ނުހިފައި ސިނގިރެޓު ބޮއިފައިވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުން އަލީ ޝަރީފް ދެ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށާއި އެފަދަ ކުށެއްގެ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދު ކުރުން ނުވަތަ 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.