19 Feb 2014, 13:14
ކްރިކެޓް ބޯޑް ގެ އަހަރީ އާންމު ޖަލްސާ ފުވައްމުލަކުގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އާންމު ޖަލްސާ މޭލޭން ބޭރުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.
ކުރިކެޓު ބޯޑުން ބުނީ، ތިން ދުވަހުގެ މި ދަތުރުގައި ކްރިކެޓް ބޯޑުގެ 13 މެންބަރުން ބައިވެރިވާނެ ކަމަށާއި މި ދަތުރުގައި އަހަރީ އާންމު ޖަލްސާގެ އިތުރުން، ފުވައްމުލަކުގައި ކްރިކެޓް ކުރިއަރުވާ ތަރައްގީކުރުމާގުޅޭ ފޯރަމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ކުރިކެޓް ބޯޑުގެ ޓީމް ފުވައްމުލަކަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި ކަމަށް ވެސް ކުރިކެޓް ބޯޑުން ބުންޏެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމާ ގުޅޭގޮތުން ބޯޑުގެ އެގްސެކެޓިވް ކޮމިޓީގެ ހާއްސަ ޖަލްސާއެއްވެސް ފުވައްމުލަކުގައި ބޭއްވުމަށް ނިންމާފައެވެ. އެގޮތުން ފުވައްމުލަކު އަތޮޅުކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކުރެވޭ މިދަތުރުގައި ފުވައްމުލަކު ވައިޑީޕީ ޕްރޮގްރާމް ކުރިއަށް ދާގޮތް ބޯޑުގެ އެގްސެކެޓިވް ކޮމިޓީން ބަލާނެ ކަމަށް ވެސް ކުރިކެޓް ބޯޑުން ބުންޏެވެ. އަދި ކޮމިޓީގައި ހިމެނޭ ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި ކޯޗުން ބައިވެރިވާ ހާއްސަ ކޯޗިން ސެޝަންއެއްވެސް ކުރިއަށްގެންދެވޭނެ ކަމަށް ވެސް ކްރިކެޓު ބޯޑުން ބުންޏެވެ. މި ސެޝަން އަމާޒުކުރެވޭނީ، ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ކްރިކެޓް ކުޅުންތެރިންނަށެވެ. މި ދަތުރުގައި ސީބީއެމް ޕްރެޒިޑެންޓްގެ ޓީމަކާ ފުވައްމުލަކުން ހޮވާލެވޭ ޓީމަކާދެމެދު ކްރިކެޓް މެޗެއްވެސް ކުޅެވޭނެއެވެ. މި މެޗް އޮންނާނީ އަންނަ ހުކުރުދުވަހު ކަމަށް ވެސް ކުރިކެޓް ބޯޑުން ބުންޏެވެ.
ކްރިކެޓް ބޯޑުގެ މިއަހަރު ގެ އާންމު ޖަލްސާ ފުވައްމުލަކުގައި ބޭއްވުމަށް އެގްސެކެޓިވް ކޮމިޓީން ނިންމީ، ފުވައްމުލަކުގައި ކްރިކެޓް ކުރިއަރާ ފުޅާވަމުންދިޔުމާ އެ ރަށުގެ ރައްޔިތުން ކްރިކެޓަށް ދޭ ތަރުހީބުގެ އިތުރުވަމުންދާތީ އެފަރާތްތަކަށް ހިތްވަރުދީ، ބޯޑާ ގުޅިގެން ކްރިކެޓް އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައެވެ. 2011 ވަނަ އަހަރު ބޭއްވުނު ސާކް ޓީ 20 މުބާރާތައް ފަހު، ފުވައްމުލަކުގައި ކްރިކެޓް ވައިޑީޕީ ޕްރޮގްރާމެއް ފެށުނެވެ. ކްރިކެޓް ބޯޑު ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިނގޭ މި ޕޮރްގްރާމުގައި އެ ރަށުގެ ގިނަ ސްކޫލްތަކަކުން ދަނީ ބައިވެރިވަމުންނެވެ. އަދި މީގެ ތެރެއިން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ދަނީ އުފެދެމުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން އުފެދުނު ކުޅުންތެރިންގެ ޓީމެއް މިދިޔަ އަހަރުވަނީ މާލޭގައި ބޭއްވުނު ތަމްރީނުތަކުގައި ވައިވެރިވެފައެވެ. އަދި، 2013 ވަނަ އަހަރު ޝްރީލަންކާއަށް ދިޔަ 15 އަހަރުން ދަށުގެ ޓީމުގައި ވެސް ފުވައްމުލަކު ކުޅުންތެރިން ވަނީ ހިމެނިފައެވެ.
ފުވައްމުލަކު ވައިޑީޕީގެ މިއަހަރުގެ އަމާޒަކީ އެ ރަށު ޓީމަށް މާލޭގައި ކުޅެވޭ ދެ ވަނަ ޑިވިޒަން މުބާރާތުގައި ބައިވެރިކުރުމެވެ. ފުވަމުލަކު ކުޅުންތެރިން ކްރިކެޓްގައި ހޯދަމުންދާ ކުރިއެރުންތައް އޭޝިޔަން ކްރިކެޓް ކައުންސިލުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެ ރަށަކި ކްރިކެޓްގެ މުސްތަޤްބަލް އުޖާލާ ތަނެއްކަން ވަނީ ފާހަގަކޮށްފައެވެ.