19 Feb 2014, 13:08
ރާއްޖޭގައި ރައްކާތެރިގޮތުގައި ކުނިއެންދުމަށް މިހާތަނަށް ބަހައްޓާ އެންމެ ބޮޑު މެޝިން ( އިންސިނަރޭޓަރު) ރ. ވަންދޫގައި ބަހައްޓަން ބަޔަކާ ހަވާލުކޮށްފިއެވެ.
އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ރ. އަތޮޅާއި ބ.އަތޮޅާއި ޅ.އަތޮޅާއި ނ. އަތޮޅުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ރ. ވަންދޫގައި ގާއިމްކުރާ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި މެޝިން ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ މިކޭލީސް އަށެވެ. އެމަސައްކަތް މިކޭލީސް ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ އެކަމަށް ޓަކައި މިއަދު ޝީބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުމުހައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމްއެވެ. އަދި މިކޭލީސް ކުންފުނީގެފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ބާނާޑް ގްރިމް އެވެ.
އަށް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެކުންފުންޏާ މަސައްކަތް ހަވާލުކުރީ 2.6 މިލިޔަން ޑޮލަރުގެ އަގަކަށެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ ވަންދޫގައި ގާއިމްކުރާ ކުނި އަންދާ ސިސްޓަމުން ދުވާލަކު 40 ޓަނުގެ ކުނި ، ރައްކާތެރިގޮތުގައި ނައްތާލެވޭނެ ކަމަށެވެ.
ކުނި އަންދާ ސިސްޓަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިކޭލީސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ބާނާޑް ގްރިމް ވިދާޅުވީ އެއީ ތިމާވެށްޓަށް ރައްކާތެރި ސިސްޓަމެއްގެ ގޮތުގައި ޔޫރަޕިއަން ކޮމިޝަނުން ބަލައިގެންފައިވާ ސިސްޓަމެއް ކަމަށެވެ. އަދި އެސިސްޓަމަކީ ކުނި އެއްދުމުން އުފެދޭ ހޫނުން ކަރަންޓް ނޫނީ އައިސް އުފެއްދޭނެ ސިސްޓަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ އިތުރަށް އިންވެސްޓްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ރ. ވަންދޫގައި ގާއިމްކުރާ ރީޖަނަލް ވޭސްޓްމެނޭޖް ސެންޓަރުގައި ކުރަން ޖެހޭ އުމްރާނީ މަސައްކަތްތަކުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެރަށުގެ މަސައްކަތް މުޅިން ނިމި، މިއަހަރުގެ ފަހުކޮޅު ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި އެރަށަށް ކުނި އުފުލަން ބޭނުންކުރާނެ ބާޖެއް ބަނުމުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެމަސައްކަތް ވެސް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ރ. އަތޮޅާއި ބ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއެއް ކަމަށްވާ މޯލްޑިވްސް އެންވަޔަރްމެންޓް މެނޭޖްމެންޓް ޕްރޮޖެކްޓް( މެމްޕް) ގެ ބައެއްގެ ގޮތުގައި ރ. ވަންދޫ ތަރައްގީ ކުރަން ނިންމީ 2010 ވަނަ އަހަރުއެވެ. ނަމަވެސް ދިރާސާތަކާއި ސާވޭ ތަކަށް ފަހު އެރަށުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ.