ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުންތަކަށް ދެން ވަޑައިގަންނަވާނީ އޭނާ ކޮމިޝަނުން ވަކިވެފައިވާ ކަމަށް ކުރައްވާ ތުހުމަތުތަކަށް މަޖިލީހުން ގޮތެއް ނިންމުމުން ކަމަށް އެ ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި މެންބަރު އަހުމަދު ހަމްޒާ މިއަދު ވިދާޅުވެއްޖެ އެވެ.

ހަމްޒާ ވިދާޅުވީ އޭނާ ވަކިވެފައިވާ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް މުހައްމަދު ވިދާޅުވި ނަމަވެސް ގާނޫނީ ގޮތުން ބަލާއިރު އޭނާ ވަކިނުވާ ކަމަށާއި އޭނާ ވަކި ކުރެއްވުމުގެ ބާރު ކޮމިޝަނުގެ ރައީސް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

"ޖޭއެސްސީ ގާނޫނުގައި ބުނެފައިވާނެ މެންބަރަކު ވަކި ކުރެވޭނީ އެ މެންބަރަކު އައްޔަން ކުރި ފަރާތަކުންނޭ. ގާނޫނަކީ އެންމެ މާއްދާއެއް ކިޔައިގެން ނިންމާލެވޭ އެއްޗެއް ނޫން. މުޅި ގާނޫނަށް ބަލާއިރު އަޅުގަނޑުގެ ރައުޔަކީ އަދި ވަކިނުވެއޭ،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ކޮމިޝަނަށް ވަޑައިގަތުން ހުއްޓުވުމަށް ކޮމިޝަނުގެ ރައީސް ސެކްރެޓްރީ ޖެނެރަލަށް އަންގަވާފައިވާ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

"ކޮމިޝަނުގެ ރައީސް ސެކްރެޓްރީ ޖެނެރަލަށް އަންގަވާފައި ވަނީ އަޅުގަނޑު ކޮމިޝަނަށް ވަންނަން އުޅެފި ނަމަ ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވަން. އަޅުގަނޑު ގަބޫލު ކުރަނީ ފުލުހުން ވެސް ގެންނާނެ ކަމަށް. އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން ވަޔަލަންސް އަށް ދިއުމަކީ. އެހެންވީމާ ދެން އަޅުގަނޑު ކޮމިޝަނަށް ދާނީ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުން ގޮތެއް ނިންމުމުން،" ހަމްޒާ ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލައިފި ނަމަ އެ މެންބަރެއްގެ މަގާމު ހުސްވާނެ ކަމަށެވެ. ހަމަ އެ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް އައްޔަން ކުރާ މެންބަރުން މަގާމުން ވަކި ކުރެވޭނީ އައްޔަން ކުރާ ފަރާތަށް ކަމަށެވެ.

ގާނޫނީ ގޮތުން އިންތިހާބު ކުރެވޭ މަގާމަކަށް ކުރިމަތިލައިފި ނަމަ މެންބަރު ކަމުން ވަކިވާނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި ހަމްޒާ ވަނީ ކުރިއަށް އޮތް މަޖިލީހަށް ކުރިމަތިލައްވާފައިވާ ކަމަށާއި އެހެންކަމުން އޭނާ ވަނީ ކޮމިޝަނުގެ މެންބަރުކަމުން ވަކިވެފައި ކަމަށް ވިދާޅުވެ ކޮމިޝަނުގެ ރައީސް ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ރައީސް ޔާމީން އަބްދުލްގައްޔޫމަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޖޭއެސްސީގެ ވެބްސައިޓުގައި މެންބަރުންގެ ބައިގައި ހުރިހާ މެންބަރުންގެ ފޮޓޯ އާއި ނަން އަރުވާފައި ހުރި ހުރި ހަމްޒާގެ ނަމާއި ފޮޓޯ ވެސް ވަނީ މިހާރު އުނިކޮށްފަ އެވެ.