19 Feb 2014, 12:20
އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަތޮޅުތަކުގެ ރައްޔިތުން ވޯޓް ލުމަށް ވިލިމާލެ އާއި ހުޅުމާލޭގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު ޖެނެރަލް އަދި އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލް ވިދާޅުވީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓްލުމަށް ވަކި ވޯޓު ފޮށިތަކެއް ބަހައްޓާ އުސޫލުން ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓް ލުމަށް ޓަކައި މިފަހަރު ވަކި ވޯޓް ފޮށިތަކެއް ވިލިމާލެ އާއި ހުޅުމާލޭގައި ބަހައްޓަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކޮމިޝަނުން ނިންމާފައި ވަނީ ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓް ލުމަށްޓަކައި ވަކި ވޯޓް ފޮށިތަކެއް ބަހައްޓަން. އެއީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ވޯޓް ފޮށިތައް ބަހައްޓާ އުސޫލުން،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓް ލުމަށް ޓަކައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ވިލިމާލެ އާއި ހުޅުމާލޭގައި ވޯޓްލުމަށް ބޭނުންވާ އަތޮޅުތަކުގެ ރައްޔިތުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ވިލިމާލެ އާއި ހުޅުމާލޭގައި ވޯޓް ފޮށި ބަހައްޓަން ކޮމިޝަނުން ނިންމީ ވޯޓްލުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޓަކައި ކަމަށެވެ.
އަންނަ މަޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.