19 Feb 2014, 12:10
ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތަކުގައި 45 ދުވަސް ތެރޭގައި ދައުވާ ކުރަންޖެހޭ ގޮތަށް ކަނޑައަޅައި މައްސަލަތައް ބަލައިގަތުމާ ބެހޭ ގަވާއިދެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފި އެވެ.
އެ ގަވާއިދު ފާސްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. އެ ގަވާއިދު ބުނާގޮތުން ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދުވަހުން ފެށިގެން ލަސްވެގެން 45 ދުވަސް ތެރޭގައި ދައުވާ އުފުލަންޖެހޭނެ އެވެ. އަދި ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ ކުށުގެ މައްސަލަތަކުގައި ލަސްވެގެން 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އެ ގަވާއިދު ބުނާގޮތުން ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފްވެއްޖެ ނަމަ އިއުތިރާފްވާތާ ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހޭނެ ކަމަށެވެ.
އެ މުއްދަތު ފަހަނައަޅައި ދިޔުމަށްފަހު ވެސް ދައުވާ ކުރެވޭނެ އުސޫލެއް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ މުއްދަތުގައި ދައުވާ ނުކުރެވުނު ސަބަބު އަންގައިދޭ ލިޔުމާއި އެހެނިހެން ބައެއް ލިޔުންތަކާއެކު އެ މުއްދަތު ހަމަވުމަށްފަހު ދައުވާ ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.
ދައުވާ އުފިލާތާ ގިނަވެގެން 10 ދުވަސް ތެރޭގައި ދައުވާލިބޭ ފަރާތައް އެކަން ލިޔުމުން އަންގަންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ކޯޓު އަމުރެއް ބޭނުންވާކަމުގައިވާނަ އެފަދަ އަމުރަކަށް އެ ކޯޓުގައި އެދެންވާނީ ފުލުހުން މެދުވެރިކޮށް ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކޯޓު އަމުރަށް އެދި ހުށަހަޅާނެ ވަގުތުތައް ވެސް އެ ގަވާއިދުގައި ވަނީ ހިމަނާފަ އެވެ.