19 Feb 2014, 11:43
އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ލުމަށްޓަކައި ބަހައްޓާނީ 493 ވޯޓް ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު ޖެނަރަލް އަދި އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލް ވިދާޅުވީ އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.
"އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އަޅުގަނޑުމެން ވޯޓް ފޮށި ބަހައްޓާނަން. އެގޮތުން މިފަހަރުގެ އިންތިހާބުގައި އަޅުގަނޑުމެން ބަހައްޓާނީ 493 ވޯޓް ފޮށި" ޝަކީލް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އާގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަހައްޓާނީ 300 މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އާންމުކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގައި ބުނެފައިވަނީ، ރިސޯޓްތަކުގައި ވޯޓް ފޮށި ބައްހައްޓާނީ އެ ރިސޯޓެއްގައި ވޯޓް ލުމަށް 100 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓު ފޮއްޓެއް ބަހައްޓާނީ ރާއްޖޭގެ ޑިޕްލޮމެޓިކް އޮފީހެއް ހުރި ތަންތަނުގެ ތެރެއިން އެ ތަންތަނުގައި ވޯޓް ލުމަށް މަދުވެގެން 300 މީހުން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގަ އެވެ. ރާއްޖޭގެ ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ވޯޓު ފޮއްޓެއް ބަހައްޓާނީ އެ ތަނެއްގައި ވޯޓު ލުމަށް މަދުވެގެން 100 މީހުން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގަ އެވެ،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ ގައި ބުނެފައިވެ އެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދުގައި އެހެން ބުނެފައި އޮތް ނަމަވެސް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެ ނޫން އެހެން ގޮތަކަށް ވެސް އަމަލު ކުރެވިދާނެ ކަމަށެވެ.