19 Feb 2014, 11:16
ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އންތިހާބަށް ކެމްޕެއިން ކުރަމުންދާ ކެންޑިޑޭޓުން ކެމްޕެއިން ޕޯސްޓަރުތަކަށާއި ބޭނާތަކަށް ގެއްލުން ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުން ބޭނުންކުރަމުންދާ ބެނާތަކަށާއި އަދި ޕޯސްޓަރުތަކަށް ގެއްލުންދޭ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.
"އިންތިހާބުގައި ތާއިދުހޯދުމަށް މަސައްކަތްކުރެއްވުމުގައި" ރައްޔިތުން މަޖިލިސް އިންތިހާބުގެ ގަވައިދު 2014ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ހިލާފުނުވާނެ ގޮތަށް ތާއިދު ހޯދުމަށް މަސައްކަތް ކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ." އެ ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.
އަންނަ މަހު 22 ބާއްވާ މަޖިލިސް އިންތިހާބުގައި ކުރިމަތިލައްވާފައިވާ ބައެއް ކެންޑިޑޭޓުން ދަނީ ކެމްޕެއިންކުރުމުގައި އެހެން ފަރާތްތަކުން ހުރަސްއަޅަމުންދާ ކަމުގެ ޝަކުވާތައް ހުށަހަޅަމުންނެވެ.