19 Feb 2014, 11:09
ސްވިޑަންގެ ހުނަރުވެރި ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ޖަހައިދިން ދެ ލަނޑާއި އެކު ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބެޔާ ލެވަކޫސަން ފަސޭހަކަމާއި އެކު 4-0 އިން ބަލިކޮށް، މިދިޔަ ސީޒަންގައި ފްރާންސް ލީގްގެ ޗެމްޕިއަން ޕީއެސްޖީ މުބާރާތުގެ ކުއާޓާ ފައިނަލާއި ގާތަށް ޖެހިލައިފި އެވެ.
ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗްގެ ތިން ވަނަ މިނިޓްގައި ޕީއެސްޖީއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ، އިޓަލީގެ މާކޯ ވެރާޓީ ދިން ޕާހަކުން ބްލެއިސް މަޓޫޑީ އެވެ.
ޕީއެސްޖީން މެޗްގެ ދެވަނަ ލަނޑު ޖަހައި ލީޑް ފުޅާކުރީ، ލެވަކޫސަން ޑިފެންޑަރު އެމިރް ސަހިޗް ލަވޭޒީއަށް ކުރި ފައުލަކުން މެޗްގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނެވެ. އެ ޕެނަލްޓީ ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ އިބްރަހިމޮވިޗް އެވެ. މެޗްގައި އިބްރަހިމޮވިޗް ދެވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ، ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ.
ރޭގެ މެޗްގައި އިބްރަހިމޮވިޗް ކާމިޔާބުކުރި ދެ ލަނޑާއި އެކު އޭނާއަށްވަނީ ޗެމްޕިއަންސް ލީގްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މަގާމްވެސް ވަގުތީ ގޮތުން ލިބިފަ އެވެ. އިބްރަހިމޮވިޗް ލީގުގައި މިހާތަނަށް 10 ލަނޑު ކާމިޔާބު ކޮށްފައިވާއިރު، ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ އިބްރަހިމޮވިޗް އަށްވުރެ އެއް ލަނޑުގެ ތަފާތުން ދެވަނައިގަ އެވެ. ތިން ވަނައިގައި ހަތް ލަނޑާއި އެކު އޮތީ ބާސާގެ ފޯވާޑް މެސީ އެވެ.
މެޗްގެ 59 ވަނަ މިނެޓުގައި ފުރަތަމަ ހާފުގައި އިބްރަހިމޮވިޗްއަށް ކުރި ފައުލަކުން ރީދޫ ކާޑު ދެއްކި ލެވަކޫސަންގެ އެމިރް ސަހިޗް އަށް ދެއްކި ރަތް ކާޑާއި އެކު އެ ޓީމުން މެޗްގެ ދެވަނަ ހާފްގެ ބާކީބައި ފުރިހަމަކޮށްފައިވަނީ އެކަކު މަދުކޮށެވެ.
އަނިޔާގައި ހުރި އުރުގުއާއީގެ ފޯވާޑް ކަވާނީ ނުލައި ރޭ ކުޅުނު މެޗްގައި ޕީއެސްޖީއަށް ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ، މެޗް ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ޔޯހަން ކަބާއީ އެވެ.