ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން 2-0 އިން ބަލިވެ މެންޗެސްޓާ ސިޓީ އެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރަމުން ގެންދިޔަ ފޮނި އުންމީދުތަކަށް ހިޔަނި އެޅިއްޖެ އެވެ.

ސިޓީގެ އިއްތިހާދުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ބާސާއާއި ދާދި ހަމަހަމަ މޮޅުކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ، 53 ވަނަ މިނިޓްގައި ސިޓީގެ ޕެނަލްޓީއޭރިޔާގެ ރޮނގުމަތިން އާޖެންޓީނާ ޑިފެންޑަރު މާޓިން ޑެމިކޭލިޝް މެސީއަށް ފައުލުކުރުމާ ގުޅިގެން ރެފްރީ ޖޯނަސް އެރިކްސަން ޑެމިކޭލިޝްއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައި، ބާސާއަށް ޕެނަލްޓީއެއް ދިނުމުންނެވެ. އެއީ ޕެނަލްޓީއެއް ނޫންކަމަށް ބުނެ ސިޓީން މައްސަލަވެސް ޖެއްސި އެވެ.

ބާސާއަށް ލިބުނު ޕެނަލްޓީ 54 ވަނަ މިނިޓުގައި ސިޓީގެ ގޯލަށް ވައްދާލައި، އެޓީމަށް ކުރިހޯދައިދިނީ އާޖެންޓީނާ ތަރި މެސީ އެވެ. އަދި 10 ކުޅުންތެރިންނާއެކު ފަހު ހާފު ކުޅެމުން ގެންދިޔަ ސިޓީގެ އުންމީދުތައް އިތުރަށް ފަނޑުކޮށްލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް، ޑެނީ އަލްވޭސް ސިޓީގެ ގޯލަށް ބޯޅަ ފޮނުވާލައި ރަށުން ބޭރުގައި ދެލަނޑުގެ ލީޑެއް ނެގުމުންނެވެ.

ސިޓީގެ ސަޕޯޓަރުންގެ ފަރާތުން އެކްލަބަށް މެދުނުކެނޑި ސާބަހާ ހިތްވަރު ދެމުން ގެންދިޔަ ނަމަވެސް، ދެވަނަ ލެގުގައި ދެ އަވޭގޯލްގެ ގެއްލުމާއެކު ބާސާގެ ކޭމްޕް ނޯއަށް ދާންޖެހުމަކީ، ޗެމްޕިއަންސްލީގުގައި ސިޓީއަށް އިތުރަށް ކުރިއަށް ދިއުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވުން ކަމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ގިނަބަޔަކު ގަބޫލުކުރެ އެވެ.

ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނީ، އޭނާގެ ޓީމު ބަލިވީ ނޫންކަމަށާއި މެޗުގައި ރެފްރީކަން ކުރި ސްވިޑްންގެ އެރިކްސަން ބާސާ މޮޅުކޮށްދިނީ ކަމަށެވެ.

"މެޗު ފެށުނީއްސުރެން ނިމެންދެންވެސް ރެފްރީ ހުރީ، ބާސާއާ އެއްކޮޅަށް،" ސިޓީގެ ކޯޗު ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި މިފަދަ މެޗެއްގައި ސްވިޑްންގެ ރެފްރީއަކު ބަހައްޓައިގެން ވެސް ނުވާނެ. އަދި ހާއްސަކޮށް އެރިކްސަން އަކީ، 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އޭސީ މިލާންއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި، ބާސާއާ ދެކޮޅަށް ނިންމުންތަކެއް ނިންމާފައިވާ ރެފްރީއެއް. އެހެން ކަމުން މި މެޗުގައި ބާސާއަށް އޭގެ ބަދަލު ހޯދައިދިނީ،" ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ޕެލެގްރިނީ ބުންޏެވެ.

ޕެލެގްރިނީ ބުނީ، ޑެމިކޭލިޝް މެސީއަށް ފައުލްކުރީ އޭރިޔާގެ ބޭރުން ކަމަށާއި، އެހެން ނަމަވެސް ރެފްރީގެ ނިންމުން އައީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. އަދި އޭގެ ކުރިން ރެފްރީގެ ކުރިމަތީގައި ސިޓީގެ ޖީސަސް ވަނާޒްއަށް ބާސާ ކުޅުންތެރިއަކު ނުރައްކާތެރި ފައުލެއް ކުރި ކަމަށާއި އެހެން ނަމަވެސް ރެފްރީ އެމަންޒަރު ނުފެންނަ ކަމަށް ހެދީ ކަމަށް ވެސް ސިޓީގެ ކޯޗު ބުންޏެވެ.

ޕެލެގްރިނީ އިތުރަށް ބުނީ، ބާސާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގައި ވެސް ރޭގެ މެޗުގައި ދެއްކިފަދަ ކުޅުމެއް، ތަކުރާރު ކުރެވިއްޖެ ނަމަ ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށެވެ.