19 Feb 2014, 09:48
ކިޔޭވް (ފެބްރުއަރީ 19): ޔުކްރޭނުގެ ޕާލަމެންޓަށް އަރައިގަންނާނެ ކަމުގެ އިންޒާރުދީ އެކަމަށް ތައްޔާރުވަމުން ދިޔަ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެގައުމުގެ ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 9 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ޔުކްރޭންގެ އަމަނާ ބެހޭ ދާއިރާތައް ބުނާ ގޮތުން ކިޔޭވްގެ އިސްތިގްލާލް މައިދާނުގައި އިދިކޮޅު ފަރާތްތަކާއި ފުލުހުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ނުވަ މީހުން މަރުވެ 150 މީހުން ޒަޚަމްވެފައިވާ ކަމަށާއި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ދެމީހަކު ވެސް ހިމެނޭކަމުގަ އެވެ. ޔުކްރޭނުގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ޕާލަމެންޓަށް އަރައިގަންނާނެ ކަމުގެ އިންޒާރުދެމުން ގެންދިޔައީ ރައީސް ވިކްޓާ ޔަނަކޮވިޗް އަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުތައް ކުޑަކުރުމުގެ ބިލެއް ފާސްކުރުމަށް ޕާލަމެންޓްގެ މެންބަރުންނަށް މަޖްބޫރުކުރުމަށެވެ.
އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ އިރު މިއީ މީގެ ތިންމަސްކުރިން އިދިކޮޅު ފަރާތްތަކުން ސަރުކާރާދެކޮޅަށް ފެށި އިޙްތިޖާޖްތަކުގައި ދެފަރާތުގެ ދެމެދުގައި ހިނގި އެންމެވަރު ގަދަ ކުރިމަތިލުން ކަމަށް ޚަބަރުތައް ބުނެ އެވެ. ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ބުނީ ފުލުހުން އެމީހުންނަށް ޙަމަލާދިނީ އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިންނާއި އަތުބޮމާއި އެނޫން ވެސް ހަތިޔާރުން ކަމަށާއި މިޙަމަލާތަކުގައި އެކްޓިވިސްޓުންގެ ހަތް މީހުން މަރުވެ ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވިކަމުގަ އެވެ.
ޔުކްރޭންގެ ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ އިހްތިޖާޖްތައް ހުއްޓާލުމަށް އިއްޔެ ހަވީރު ހައެއް ޖެހުމާހަމައަށް އިދިކޮޅު ފަރާތްތަކަށް ފުރްސަތު ދެވުނުކަމަށާއި ބާރުގެ ބޭނުންކުރަން ޖެހުނީ އެއަށް ފަހު ވެސް އިހްތިޖާޖްތައް ހުއްޓާނުލައި ޕާލަމެންޓަށް އަރައިގަންނާނެ ކަމުގެ އިންޒާރު ދޭންފެށުމުންނެވެ. މިކުރިމަތިލުންތަކަށް ފަހު ޔުކްރޭންގެ ސަރުކާރުން ވަނީ އިހްތިޖާޖްތައް ހުއްޓާލައި ސަރުކާރާ އެކު ވާހަކަތައް ދެއްކުމަށް އިދިކޮޅު ލީޑަރުންނަށް ގޮވާލާފަ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށް ގަދަބާރުން އަރައިގަނެ އެތަންތަނުގެ މަސްއޫލުވެރިންނަށް ބިރުދައްކައިގެން މަޖްބޫރުން ކަންކަން ކުރުވުމުގެ ފުރްސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެ ކަމަށް ވެސް ޔުކްރޭންގެ ސަރުކާރުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަން ހޯދުމެވެ. ރަޝިޔާ އިން ވަނީ ޔުކްރޭންގައި ރޭ ހިނގި ކުރިމަތިލުންތަކުގެ ޒިންމާ ހުޅަނގުގެ ބާރުތަކުގެ ބޮލުގައި އަޅުވާފަ އެވެ.
ރަޝިޔާގެ ޚާރިޖިއްޔާ އިން ބުނީ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހައްދުފަހަނަޅާފައިވާ އެކްޓިވިސްޓުންނަށް ހިއްވަރުދެނީ ހުޅަނގުގެ ބާރުތަކުން ކަމަށާއި ކިޔޭވްގައި ރޭ ހިނގި ލޭއޮހޮރުވުންތަކަކީ ހަރުކަށި ފަރާތްތަކަށް ހުޅަނގުން ހިއްވަރު ދެމުންގެންދިޔުމުގެ ނަތީޖާ ކަމުގަ އެވެ. އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ ރޭގެ ކުރިމަތިލުންތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ބާރުގެ ބޭނުންކުރުން ހުއްޓާލުމަށް ޔުކްރޭންގެ ސަރުކާރަށް ގޮވާލާފަ އެވެ. (ނޫސްއެޖެންސީތައް)