19 Feb 2014, 09:40
ގާހިރާ (ފެބްރުއަރީ 19): މިސްރަށް މިހާރު ޒިޔާރަތްކުރަމުން ގެންދާ ހުރިހާ ފަތުރުވެރިން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިސްރު ދޫކޮށް ދިޔުމަށާ ނޫނީ އެމީހުންގެ ފުރާނައަށް ނުރައްކާކުރާނެކަމުގެ އިންޒާރުމިސްރުގެހަރުކަށި ޖަމާއަތަކުން ދީފި އެވެ.
"އަންސާރު ބައިތުލްމަގްދިސް"ގެ ނަމުގައި މިސްރުގެ ސީނާ ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ތަކްފީރީ ފކުރުގެ މިޖަމާއަތުން އިއްޔެ ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށް ފަހު މިސްރުގައި ތިބޭ ބޭރުގެ ފަތުރުވެރިންނަށް ޙަމަލާދޭނެ ކަމަށާއި އެމީހުންނަށް ރައްކާތެރިކަން ނޯންނާނެ ކަމުގަ އެވެ. މިދިޔަ އާދީއްތަ ދުވަހު މިސްރުގެ ސީނާގެ ތާބާ ސަރަހައްދުގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ބަހެއް ގޮއްވާލުމުގެ ޒިންމާ ވެސް އުފުލާފައި ވަނީ މި ހަރުކަށި ޖަމާއަތުންނެވެ. އެ ބަހުގައި ބޮމެއް ހަރުކޮށްގެން ދިން ޙަމަލާގައި އެބަސް ދުއްވަންއިން މިސްރުގެ ޑްރައިވަރާއި އެއިން ދަތުރުކުރި ދެކުނު ކޮރެޔާގެ ފަތުރުވެރިންގެ ތެރެއިން 3 މީހުން މަރުވެ 15 މީހުން ޒަޚަމްވިކަމަށް މިސްރުގެ އަމަނާބެހޭ ދާއިރާތަކުން ބުނެފައިވެ އެވެ.
"އަންސާރު ބައިތުލްމަގްދިސް"ގެ ނަމުގައި މިސްރުގެ ސީނާ ސަރަހައްދުން މިޖަމާއަތުގެ ހަރަކާތްތައް ފުރަތަމަ ފެނުނީ 2012 ވަނަ އަހަރު މިސްރުގެ ވެރިކަމަށް އިންތިޚާބުކުރެވުނު އިސްލާމީ ފިކުރުގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަމުގަ އެވެ. މުރުސީގެ ވެރިކަމުގައި އަންސާރު ޖަމާއަތުން މިސްރު ސިފައިންނަށް ޙަމަލާދީ އެތައް ބަޔަކު މަރާލުމުން މުރުސީ ވަނީ ސީނާ ސަރަހައްދަށްވަޑައިގެން އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރައްވައި އެޖަމާއަތާ ދެކޮޅަށް މިސްރު ސިފައިން ފެށި އަސްކަރީ އޮޕަރޭޝަންތައް އޭނާ އިސްކޮށް ހުންނަވައިގެން ކޮމާންޑް ކުރައްވާފަ އެވެ.
"އަންސާރު ބައިތުލްމަގްދިސް"ގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިޖަމާއަތަކީ އަލްގާއިދާއާ ގުޅިފައިވާ ޖަމާއަތެއް ކަމަށާއި އެޖަމާއަތުގެ ބޭނުމަކީ މިސްރުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި މިސްރުގެ މަސްރަހު ގަޑުބަޑުކޮށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންކަމަށް އެދުވަސްވަރު ޑރ. މުރުސީ ތުހުމަތުކުރައްވާފައިވެ އެވެ. އަންސާރު ޖަމާއަތުގެ ޙަމަލާތައް މިސްރުގެ ސިފައިންނަށާއި މިސްރަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކުރުމުގެ އިތުރުން ގާހިރާގައިވާ މިސްރުގެ އަމަނާބެހޭ އެންމެ ބޮޑު އިމާރާތުގެ ކުރިމަތީގައި މިދިޔަ މަހު ގޮއްވާލި ކާރުބޮމުގެ ޙަމަލާގެ ޒިންމާ ވެސް އުފުލާފައި ވަނީ އަންސާރު ޖަމާއަތުންނެވެ. ގާހިރާގެ ޙަމަލާގައި ފަސް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ.
އިސްލާމް ދީނުގެ ނަމުގައި އަންސާރު ޖަމާއަތުން މިސްރުގައި ހިންގަމުންގެންދާ ބޮންގޮއްވުމުގެ ޢަމަލުތަކުގެ ސަބަބުން މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތްކަމަށްވާ ޑރ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާން ޖަމާއަތުގެ ބޮލުގައި މިފަދަ ހަރުކަށި އަމަލުތައް އަޅުވައިގެން އިޚްވާންޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރުމުގެ ފުރްސަތު މިސްރުގެ ވަގުތީ ސަރުކާރަށް ލިބިގެން ގޮސްފައިވާ ކަމަށް އިޚްވާން ޖަމާއަތުން ބުނެ އެވެ. އިޚްވާން ޖަމާއަތުން ވަނީ "އަންސާރު ބައިތުލްމަގްދިސް"ގެ ނަމުގައި ހަރަކާތްތެރިވާ ތަކްފީރީ ޖަމާއަތާ އެއްވެސް ގުޅުމެއްނެތްކަން ތަކުރާރުކޮށް ހާމަކޮށްފަ އެވެ.
ސިފައިންގެ ކޮންޓްރޯލްގެ ދަށުން މިސްރުގައި މިހާރު ވެރިކަންކުރާ ވަގުތީ ސަރުކާރުން ވަނީ މިސްރުގެ އިގްތިސާދު ބަލިކަށި ކޮށްލުމަށްޓަކައި ފަތުރުވެރިކަން ހަލާކުކޮށްލުމުގެ ރޭވުމެއް ތަންފީޒުކުރަމުން ގެންދާކަމުގެ ތުހުމަތު އަންސާރު ޖަމާއަތުގެ މައްޗަށް ކޮށްފައެވެ. އަންސާރު ޖަމާއަތްފަދަ ތަކްފީރީ އެތަށް ޖަމާއަތެއް ދީނުގެ ނަމުގައި ބޮންގޮއްވުމާއި ބަޑިން ޙަމަލާދީ މީހުންމެރުން ފަދަ ހަރުކަށި އަމަލުތައް އިސްލާމީ އެތަށް ގައުމެއްގައި ހިންގަމުން ގެންދާއިރު މިއީ މިހާރު އިސްލާމީ މުޖްތަމައުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް މުޙައްލިލުން ދެކެ އެވެ.
މިފަދަ ޖަމާއަތްތަކުގެ ޙަމަލާތަކުގައިގިނައިން މަރުވެ އަދި ޒަޚަމްވެގެންދަނީ ކުށެއްނެތް މުސްލިމުން ކަމަށްވާއިރު އިސްރާއީލު ފަދަ މުސްލިމުންގެ ދުޝްމަނުންނަށް މިޖަމާއަތްތަކުގެ ޙަމަލާތައް އަމާޒުކުރަމުން ނުދެ އެވެ. (ނޫސްއެޖެންސީތައް)