19 Feb 2014, 09:31
މީހުންގެ މެދުގައި ނަފްރަތު އުފެއްދުން ނޫނަކަމެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ކިބައިން ފެނިފައިނުވާ ކަމަށް ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޓިކެޓުގައި ހުޅުހެންވޭރު ދާއިރާ އަށް ވާދަކުރައްވާ ހަސަން ޒިޔަތުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މޫސާ މަނިކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އުސްފަސް ގަނޑާއި ރާޅުގަނޑު ސަރަހައްދުން ފެނިފައި ވަނީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމާއި ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭ ފަދަ ވާހަކަ ދެއްކުން ކަމާއި ހުޅުންހެންވޭރު ދާއިރާގެ ރައްޔިތުން އެކަމާ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ.
"ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އުސްފަސްގަނޑުގެ ތެރެއިންނާއި ރާޅުގަނޑު ސަރަހައްދުން ފެނިފައިވާ މަންޒަރަކީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމާއި ސުލްހަމަސްކަން ގެއްލޭފަދަ ވާހަކަދެއްކުން،" ނާއިބު ރައީސް ވިދާޅުވި އެވެ.
ހުޅުހެންވޭރު ދާއިރާގެ ރައްޔިތުން ނިކަމެތި ހާލުގައި އުޅެމުންދާ އިރު ރައްޔިތުން ގެދޮރުވެރިކުރުމަށް ޓަކައި މޫސާ މަނިކު ކުރެއްވީ ކޮންކަމެއްތޯ މިއަދު ސުވާލު ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ނިކަމެތި ހާލުގައި އުޅެމުންދިޔަ އިރު ގަވާއިދާ ޚިލާފަށް މޫސާ މަނިކުގެ ކުންފުންޏަކަށް 22 މިލިއަން ޑޮލަރަށް ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހަވާލު ކުރިތައް ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ރައްޔިތުން ނިކަމެތި ހާލުގައި އެކަމަކު މެމްބަރުގެ ކުންފުންޏަށް އެތަކެއް މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓްތައް ކުރީގެ ސަރުކާރުން ހަވާލުކުރީ ނުގަވާއިދުން ފަސާދައިގެ ތެރެއިން ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ބަލަމުން ދިޔަ. ގާނޫނުގެ ރައްކާތެރިކަން ރައްޔިތުންނަށް ލިބުނީ ކިހާވަރަކަށް ތޯ މެމްބަރަށް ލިބުނު ފައިދާ ލިބުނީ ކިހާވަރަކަށްތޯ ރައްޔިތުން މިއަދު ސުވާލު ކުރަން އެބަޖެހޭ،" ނާއިބް ރައީސް ވިދާޅުވި އެވެ.
ޝަރުއީ ކޯޓުތަކަކީ ކޮންމެ ފަރުދަކު ވެސް އިހުތިރާމް ކުރަން ޖެހޭ ތަންތަންކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މޫސާ މަނިކުގެ ފަރާތުން ފެނިގެން ދިޔައީ ރާޅުގަނޑު ސަރަހައްދުގައި އަމިއްލަފުޅަށް ކޯޓު ހައްދަވައި ހުކުމް އިއްވި މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފާއިއިތުވި ތަނުގައި މޫސާ މަނިކުގެ އަމަލުތައް ބެހެއްޓިގޮތްތައް ހަނދާނަށް ގެނެސް އެކަންކަމާ މެދު މިއަދު ވިސްނަންޖެހޭ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި 22 ރޭ 22 ދުވާލުވަންދެން ތިބެ މުޅި މާލެތެރެ ނުތަނަވަސްކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ފުލުހުން ގޮސް އެތަން ރޫޅާލި އިރު މަސްތުވާތަކެއްޗާއި ބަނގުރަލުގެ އިތުރުން މީހުން މެރުމަށް ބޭނުންކުރާ ހަތިޔާރުފެނިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.