ޝަރީއަތެއްގައި ހިމެނޭނީ ކޮން ބައެއްތޯ ބަލައިފި ނަމަ ދައުވާ ލިބޭ ފަރާތަކާއި ދައުވާ ކުރާ ފަރާތެއް އޮންނާނެ އެވެ. ދެން ތިބޭނީ ފަނޑިޔާރުންނެވެ. އެކަމަކު ދައުވާ ކުރާ އަދި ލިބޭ ފަރާތެއް ނެތި ފަނޑިޔާރުންގެ އިސް ނެގުމަށް ވެސް މިހާރު ޝަރީއަތްތައް އެބަ ކުރެ އެވެ. މިއީ ކިހިނެއްވާ ކަމެއްބާވަ އެވެ؟

އަމިއްލަ އިސްނެގުމަށް ޝަރީއަތް ހިންގާނެ ގޮތުގެ ގަވާއިދެއް ފެބްރުއަރީ 6،ގައި ސުޕްރީމް ކޯޓުން ވަނީ ނެރެފަ އެވެ. އެކަމަކު އެ ގަވާއިދު ނެރުމުގެ ކުރިން ވެސް ސުޕްރީމް ކޯޓުން ވަނީ އަމިއްލަ އިސް ނެގުމަށް "މައްސަލަތަކެއް ހިންގައިފަ" އެވެ.

ކޯޓުތަކުގެ ގާނޫނުގެ 15 މާއްދާއަކާއި އެ ގާނޫނުގެ ދަށުން އުފެއްދި ޖުޑީޝަލް ކައުންސިލް ސުޕްރީމް ކޯޓުން އުވާލީ އަމިއްލަ އިސްނެގުމަކަށެވެ. އައްޑޫއަކީ ސިޓީއެއް ކަމަށް ހަމަޖެއްސީ ހަމަ އެ ގޮތަށެވެ. އެކަމަކު އެއީ ޝަރީއަތެއް ނުވަތަ އަޑުއެހުމެއް ނުވަތަ ކޯޓަށް މީހުން ހާޒިރު ކުރުން ފަދަ ކަމެއް ވެސް ނެތި އެވެ.

އެ ދުވަސްވަރު ސުޕްރީމް ކޯޓުން އަމަލު ކުރި ގޮތުން ރާއްޖޭގެ ފުންނާބު އުސް ގާނޫނީ މާހިރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން ގާނޫނީ ވަކީލު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އަޑުއެހުމަށް ނުވަތަ ޝަރީއަތެއް ނެތި ސުޕްރީމް ކޯޓަށް ވެސް މައްސަލަ ނުނިންމޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމެއް އަންނަން ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއްގެ ނިންމުން އަންނަންވާނީ، އެ ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ މައްޗަށް. މައްސަލައެއް ހުށަހެޅުމުން ބޭއްވޭ ޝަރީޢަތުގެ މަޖިލީހެއް ނުވަތަ އަޑުއެހުމެއްގެ މައްޗަށް. ޝަރީޢަތުގެ މަޖިލީހެއްގައި ނުވަތަ އަޑުއެހުމެއްގައި، މައްސަލައާ ގުޅުންހުރި ފަރާތްތަކުން އެ ކޯޓަށް ހާޒިރުވެ ކުރާ ވަކާލާތުގެ ތެރެއިންނާއި ދައްކާވާހަކަތަކުގެ ތެރެއިން ފާހަގަކުރެވޭ ނުކުތާތަކެއްގެ މައްޗަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ދެން މިހާރު މި ފެންނަނީ އަމިއްލަ އިސް ނެގުމަށް މައްސަލަތައް ހިންގާ ތަނެވެ. މިއީ ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތެކެވެ. ގާނޫނީ ވަކީލު މުހައްމަދު ޝަފާޒް ވަޖީހު ވިދާޅުވީ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިއާ އަދި އެމެރިކާގެ ސުޕްރީމް ކޯޓުން ވެސް އެފަދައިން މައްސަލަތައް ހިންގާފައިވާ ކަމަށެވެ.

"އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުމަކީ ކުރާ ކަމެއް. އެމެރިކާ އަދި އިންޑިއާގައި ވެސް ސުޕްރީމް ކޯޓުން އަމިއްލަ އިސް ނެގުމަށް މައްސަލަތައް ބަލާ،" ޝަފާޒް ވިދާޅުވި އެވެ.

ޝަފާޒް ވިދާޅުވީ އެގޮތަށް އަމިއްލަ އިސްނެގުމަށް މައްސަލަތައް ބަލާނީ މަދު ފަހަރު ކަމަށާއި އެފަދަ މައްސަލަތަކަކީ ވަރަށް ގިނަ އަދަދެއްގެ މީހުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކެއް ކަމަށެވެ.

"އެއީ ވަރަށް ބައިވަރު މީހުންނަށް އަސަރު ކުރާ ވަރަށް ބައިވަރު މީހުންގެ ހައްގުތަކާ ގުޅޭ މައްސަލަ. އަވަހަށް ފިޔަވަޅެއް ނާޅައިފި ނަމަ ވަރަށް ބައިވަރު މީހުންގެ ހައްގުތަކެއް ގެއްލޭނެ ފަދަ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ އިސްނެގުމަށް ކޯޓުތަކުން މައްސަލަ ބަލާއިރު އެހެން ކަމަކާ މެދު ވެސް އެމީހުން ވިސްނަ އެވެ. އެއީ އެ މައްސަލައާ ގުޅުން ހުރި ފަރާތަކީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ގާބިލް ބައެއްތޯ އެވެ.

"އެއީ މިސާލަކަށް ވިޔަފާރިވެރިންތަކަކާ ގުޅުން ހުރި މައްސަލައެއް ބަލާ ނަމަ އެމީހުން އެކުވެގެން ދައުވާ ކުރުމައިގެން ކުރިއަށްދާނެ. އެކަމަކު އެ މައްސަލަ ނަގާނެ މީހަކު ނެތް، ކޯޓާ ހަމައަށް ދެވޭނެ ގޮތެއް ނެތް މީހުންނަށް އަސަރު ކުރާ މައްސަލައެއް ވެއްޖެއްޔާ ކޯޓުން އަމިއްލަ އިސްނެގުމަށް އެ މައްސަލައެއް ބަލައިފާނެ،" ޝަފާޒް ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގައި އަމިއްލަ އަށް މައްސަލަތައް ކުރިއަށް ގެންދިއުމަކީ ކުރާ ކަމެކެވެ. ދެން އުފެދޭ ސުވާލަކީ ރާއްޖޭގެ ސުޕްރީމް ކޯޓަށް އަމިއްލަ އިސްނެގުމަށް މައްސަލަތައް ކުރިއަށް ގެންދިއުމަށް ގާނޫނު އަސާސީ ނުވަތަ ގާނޫނުތައް ތަން ދޭތޯ އެވެ؟

"ސީދާ ގާނޫނުގައި ބަޔާންކޮށްފައެއް ނެތް. އެހެން ނަމަވެސް އެއީ ކުރެވިދާނެ ކަމެއް. އެކަމަކު އެގޮތަށް އަމިއްލަ އަށް މައްސަލަތައް ބަލާ އިރު ބަލަންޖެހޭނެ ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި އަމަލު ކުރާ ގޮތް. އެ ގައުމުތަކުގައި އަމަލު ކޮށްފައި ހުރި ގޮތްތައް ބަލަންޖެހޭނެ،" ވަކީލު ވިދާޅުވި އެވެ.

އެހެންވީމާ އަމިއްލަ އިސް ނެގުމަށް މައްސަލަ ބެލުމަކީ ގާނޫނީ ގޮތުން ބަލާއިރު މައްސަލައެއް ނޫނެވެ. ކިއެއްތަ، އެއީ ކުރުން ރަނގަޅު އަދި ވަރަށް މުހިންމު ވެސް ކަމެކެވެ. އެކަމަކު އަދި ވެސް ބަލަންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

ސުޕްރީމް ކޯޓުން އަމިއްލަ އިސްނެގުމަށް ބަލަމުންދާ އެންމެ ފުރަތަމަ މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައެކެވެ. ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުޕްރީމް ކޯޓުގެ ކޮންޓެމްޕްޓަށް ނުވަތަ ހުރުމަތަށް ބަދު ބަހެއް ބުނެފައިވާ ކަމަށް ބުނެ އެ މައްސަލަ އެވެ.

ޝަފާޒް ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު އެ ބަލަނީ ވަރަށް ބައިވަރު މީހުންނާ ގުޅުން ހުރި ވަރަށް ގިނަ ބައެއްގެ ހައްގުތަކާ ގުޅުން ހުރި މައްސަލައެއް ނޫން ކަމުން އެއީ އަމިއްލަ އިސްނެގުމަށް ކޯޓަށް ބެލިދާނެ މައްސަލައެއް ކަމަށް އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ މިހާރު ވެސް ސުޕްރީމް ކޯޓުން ކުރިއަށް ގެންދާ މައްސަލައަކީ ސުއޯމޯޓޯ ކޮށް ގެންދެވިދާނެ މައްސަލައެއް ކަމަށް. އެއީ ސުޕްރީމް ކޯޓުގެ އަމިއްލަ މަސްލަހަތަށް ގެންދާ މައްސަލައެއް އެހެންނޫންތޯ؟ އެއީ ވަރަށް ބައިވަރު މީހުންނާ ނޫނީ ރައްޔިތުންނާ ގުޅުންހުރި މައްސަލައެއް ކަމަށް އަޅުގަނޑަކަށް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބޮޑެތި ބާރުތަކެއް ދީފައިވާ މުއައްސަސާއެކެވެ. ކޮންމެ ބާރަކާއެކީ ހަމަ އެހާ ބޮޑު ޒިންމާއެއް އުފުލަންޖެހެ އެވެ. ސުޕްރީމް ކޯޓުން ކުރާ ކޮންމެ ކަމަކަށް ފާރަވެރިވާނެ އެތައް ބަޔަކު ވެސް ތިބޭނެ އެވެ. ސުޕްރީމް ކޯޓު އަމަލު ކުރަންޖެހޭނީ ހަމައެކަނި "ރަނގަޅު" ގޮތަކަށެއް ނޫނެވެ. ސުޕްރީމް ކޯޓުން އަމަލު ކުރަންޖެހޭނީ "އެންމެ ފުރިހަމަ" ގޮތަށެވެ.