19 Feb 2014, 00:42
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންނުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އުޅޭތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫން ކަންބޮޑުވެވަޑައިގެން، ވާހަކަފުޅު ދައްކަވައިފި އެވެ.
އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވެވި އެއްވެސް ނަމެއް ފާސް ނުކުރާތީ އެކަމާ ކަންބޮޑުވެވަޑައިގެން ރައީސް ވާހަކަފުޅު ދެއްކެވީ، މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ވާދަ ކުރައްވާ އައިޝަތު ލީޒާގެ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް ވިދާޅުވީ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް މެމްބަރު ހޮއްވެވުން ފަސްކުރުމަކީ އުސޫލީ ބޮޑު މައްސަލައެއް ކަމަށެވެ. އެ ކޮމިޝަންގެ އެއް މެމްބަރަކު ނުލައި، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފައި ވާތީ، ރައީސް ވަނީ އެކަމާ ކަންބޮޑުވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އީސީގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވިޔަސް ދެން ތިއްބަވާ ތިން މެމްބަރުން ވެސް ބޭނުންފުޅު ވެވަޑައިގަންނަވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭވުމަށެވެ. މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވެސް ބޭނުންފުޅުވެވަޑައި ގަންނަވާނީ އެ ގޮތް ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބު ނިމިގެން އެ ދިޔައީ. ކައުންސިލް އިންތިހާބު ނިމިގެން އެ ދިޔައީ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމިގެންދާން މި ޖެހެނީ. އެ ކޮމިޝަނަށް މީހަކު މަދުވެގެން މީހަކު ލާކަށް ބޭނުމެއް ނުވޭ. މިދާ ގޮތަށް ދަންޏާ އަޅުގަނޑުގެ ހިތަށް އަރަނީ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވިޔަސް، ތިން މެމްބަރުން ތިއްބަވައިގެން ވިޔަސް ބޭނުންފުޅުވާނީ އިންތިހާބު ބާއްވަން. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވެސް ބޭނުންފުޅުވެވަޑައި ގަންނަވާނީ އިންތިހާބު ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.
އީސީއަށް މެމްބަރަކު އައްޔަން ނުކުރުމާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު ފާސްކޮށްފައި ނުވާތީ، ރައީސް މިރޭ ވަނީ މަޖިލީހުގެ މެމްބަރުންނަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ހިނގަމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް 2009 ވަނަ އަހަރު ހޮއްވަވާފައި ތިބީ "ދުނިޔޭގައި ނެތް ފެންވަރުގެ މެމްބަރުން" ކަމަށެވެ. އަދި އެ މެމްބަރުން ހޮއްވަވައިގެން މަޖިލީހުން މަސައްކަތް ކުރެވުނު މިންވަރާމެދު ސުވާލު އުފައްދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތު އެއްކިބާކޮށްލާފައި މުޅި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގޮތަށް ކަންތައްތައް ނިންމުމުގެ ހިތްވަރު އަޅުގަނޑުމެންގެ ޕާޓީގައި އެބަހުރި. އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުން އެ އެކުންތެރިކަން ހުންނާނެ ކަމާމެދު ޝައްކެއް ނެތް،" ރައީސް ޔާމިން ވިދާޅުވި އެވެ.
ޓީވީއެމްގެ ކުރީގެ ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު އައިޝަތު ލީޒާ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ހަފްލާގައި ރައީސް ވަނީ އޭނާއަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ މެދުހެންވޭރު ދާއިރާގެ ރައްޔިތުންގެ ވޯޓު ލީޒާއަށް ކަށަވަރުވެ، ކުރިއަށް އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެދުހެންވޭރު ދާއިރާގެ ތަމްސީލު ކުރައްވާނީ ލީޒާ ކަމަށެވެ.