އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިހަފްތާގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖައްސައި އެ ޖަލްސާގައި ބަޖެޓް ބަހުސް ފެށުމަށް އެޖެންޑާކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފްތާގެ، ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ނަމަވެސް ބަޖެޓްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިއުން ލަސްވެފައިވާތީ، ގާނޫނު އަސާސީގައި ބުނާ މުއްދަތަށް މަޖިލީހުން ބަޖެޓް ފާސްކޮށް ނިންމުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އާއްމުކޮށް ޖަލްސާ ބާއްވާ ދުވަސްތަކަށް ވުރެ އަވަހަށް މިހަފްތާގެ ޖަލްސާތަށް ފެށުމަށް ނިންމީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.


ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މި މަހުގެ 30ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓް ފާސްކޮށް ނިންމަންޖެހެ އެވެ.


އަންނަ އަހަރުގެ ބަޖެޓްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފަށާފައި މި ވަނީ އެކަން އަވަސް ކުރުމަށް ޓަކައި މުހިއްމު ކަންތައްތަކެއް މަޖިލީހުން ފާސްކޮށްގެންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށް، ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް، ގައުމުގައި މިވަގުތު ފިނޭންސް މިނިސްޓަރެއް ނެތުމުން، މިއީ ގައުމަށް ދިމާވެފައިވާ ހާއްސަ ހާލަތެއްކަމަށް ނިންމައި، ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ފިނޭސް މިނިސްޓްރީން ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު މަހްމޫދު ރާޒީއަށް ދިނުން ހިމެނެ އެވެ. އޭގެ އިތުރުން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެން ދާނީ، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އުފައްދާ ކޮމިޓީއަކުންކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވީ ނަމަވެސް ބަޖެޓްގެ މަސައްކަތް އަވަސް ކުރުމަށްޓަކައި، ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މަޖިލީހުގެ ރައީސަށް ހާއްސަ ބާރުތަކެއް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.


މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ  12.3 ބިލިޔަން ރުފިޔާގެ ބަޖެޓް މަހްމޫދު ރާޒީ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވައިފަ އެވެ. އަދި ބަޖެޓްގެ އަސްލަށް ބަދަލެއް ނާންނަ ގޮތަކަށް މަޖިލީހުން ބަޖެޓް ދިރާސާކޮށްދެއްވައި، ވީހާ އަވަހަކަށް ބަޖެޓް ފާސްކޮށްދެއްވުމަށް ވެސް މަޖިލީހުގެ މެންބަރުންގެ ކިބައިން ރާޒީ ވަނީ އެދިވަޑައިގެންފަ އެވެ.