18 Feb 2014, 23:38
ވޭނަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
ހުޅުމާލެއިން އެއާޕޯޓަށް ދާން އޮންނަ ނިރޮޅު މަގުގައި މިރޭ 11:00 ޖަހާ އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލްގައި ތިބި ދެ މީހުންނަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ ފ. ފީއަލި ޗަމަން، މުހައްމަދު ފާރިޝް 22، އެވެ. އެއީ ސައިކަލް ދުއްވަން އިން ޒުވާނާ އެވެ. އަދި ސައިކަލް ފަހަތުގައި އިނީ އެރަށު ބަނަފްސާގޭ، އަހުމަދު ޝާހު 21 އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ނިރޮޅު މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ވޭނަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި ސައިކަލް ވޭނުގެ ދަށުވެފައިވަނީ 134 ނަމްބަރާއި 136 ނަމްބަރާއި ދެމެދުގައި އޮންނަ ގޯޅި އެޅުމަށް ސައިކަލް އަނބުރާލި ވަގުތު ވޭނުގެ ކުރީކޮޅުގައި ޖެހިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު މިރޭ "ސަން" ބުނީ އެކްސިޑެންޓްގައި ސައިކަލްދުއްވަން އިން ޒުވާނާގެ ވާތު ލޯމަތިން ފަޅައިގެން ގޮސް، ފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި ސައިކަލް އޮތީ ވޭންގެ ކުރީކޮޅުގެ ދަށުވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ސައިކަލް ދުއްވަން އިން މީހާގެ ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ފައި އޮތީ ފާޑަކަށް އެނބުރިފައި، އެ މީހާގެ ވާތު ލޯ އޮތީ ފަޅައިގެން ގޮސްފައި،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ އެ ސައިކަލް ފަހަތުގައި އިން މީހާ އޮތީ އަށްވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސްފައި ކަމަށާއި އެ މީހާއަށް ވެސް އެކި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
"ސައިކަލް ފަހަތުގައި އިން މީހާގެ ނޭފަތް މަތިން ހޯސްލާފައި ލޭ ފައިބަމުންދިޔައީ، ވާތު އުޅަނބޮށި ވެސް އޮތީ ފަޅައިގެން ގޮސްފައި،" އެ މީހާ ބުންޏެވެ.
އެކްސިޑެންޓްވި ދެމީހުންގެ ތެރެއިން ސައިކަލް ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ހަރަކާތެއް ނެތް ކަމަށާއި އެ ދެމީހުން ވެސް ހޮސްޕިޓަކަށް ގެންދިޔައީ އެ ސަރަހައްދުގައި ތިބި ބައެއްގެ އެހީތެރިކަމާ އެކު އެ މަގުން ދިޔަ ވޭނަކަށް ލާފައި ކަމަށް ވެސް އޭނާ ބުންޏެވެ.
އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ވެސް ސަންއަށް ވަނީ ލިބިފަ އެވެ.