މޯޗަރީގައި ބާއްވާ މައްޔިތާގެ ހަށިގަނޑު ނެރުމުގެ ކުރިން ފައިސާ ދައްކަން ޖެހޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާޙިމް ސުޖާއު "ސަން" އަށް ވިދާޅުވީ އެގޮތަށް ފާސްކުރީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލަތައް އިތުރު ވަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިހާތަނަށް ފައިސާ ނުދައްކާ މޯޗަރީން ނެރެގެން ގެންދާ ހަށިގަނޑުތަކުގެ ބިލްތަކަށް 500،000ރ. އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން އޮންނަ ގޮތުން ވެއްޖެއްޔާ މައްޔިތާގެ ހަށިގަނޑު މޯޗަރީން ގެންދިއުމަށް ފަހު ވެސް ފައިސާ ދެއްކޭނެ. ނަމަވެސް އެހެން އެދީމާ ދައުލަތަށް ލިބޭ ގެއްލުން ދަނީ އިތުރުވަމުން،" އޭނާ ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ މޯޗަރީން މީހަކު ނެރެން ބޭނުންވެއްޖެ ނަމަ މިހާރު ކޮންމެ ވަގުތެއްގައި ވެސް ފައިސާ ދެއްކޭނެ އިންތިޒާމްތައް ޓީޖެޓީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ކައުންޓަރުން ހަމަޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި މޯޗަރީގައި ބާއްވާ ހަށިގަނޑުތަކަށް ޗާޖްކުރާ ޕީއަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މޯޗަރީގައި ބާއްވާ ދިވެއްސެއްގެ ހަށިގަނޑަށް ދައްކަންޖެހެނީ ދުވާލަކަށް 750ރ. އެވެ. އަދި ބިދޭސީއަކަށް 1500ރ. ދައްކަން ޖެހޭ އިރު ޓޫރިސްޓަކު ނަމަ ދައްކަން ޖެހޭނީ 200 އެމެރިކާ ޑޮލަރެވެ.

ކުރިން ބިދޭސީއަކަށް ވިޔަސް ދިވެއްސަކަށް ވިޔަސް ދައްކަން ޖެހެނީ ދުވާލަކަށް 1000ރ. އެވެ.